ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޢިމާރާތަށް ދިމާވެފައިވާ މައްސަލަ ޙައްލުކޮށް ދާއިމީ ޢަރަބިއްޔާ ސްކޫލް އެޅުމަށް ސަރުކާރުން ވަނީ ބައު ޖަމާލުއްދީން ހުރި ބިން ދޫކޮށްފައެވެ. އަދި ދާއިމީ ސްކޫލް ޢިމާރާތެއް ލިބެންދެން ވަގުތީ ހައްލެއްގެ ގޮތުގައި ފޮރިން މިނިސްޓްރީ ހިންގި ވަގުތީ ޢިމާރާތް ސަރުކާރުން ވަނީ އެސްކޫލް ހިންގަން ހަމަޖައްސާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށެވެ. އެގޮތުން މިހާރު އެބިމުގައި ހުރި ޢިމާރާތް ތަޅާލާ އެތަން ސާފުކުރާނެ ބަޔަކު ހޯދުމަށް ކުރި އިޢުލާނަށް 22 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަނުން ބުނީ އަރަބިއްޔާގެ މަސައްކަތް ނިންމާ އަންނަ އަހަރު ކިޔަވައިދޭން ފެށޭވަރުވާނެކަމަށެވެ.

އަރަބިއްޔާގެ އައު އިމާރާތެއް އެޅުމަށް ސަރުކާރުން މަސައްކަތް ފެށީ 700 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލުކުރަމުންދިޔަ ޢަރަބިއްޔާގެ ޢިމާރާތުގައި ރެނދުލާ އެތަނަކީ ދަރިވަރުންނަށް ކިޔަވައިދޭން އެންމެ ރައްކާތެރި ތަނެއް ނޫންކަމަށް ކަމާބެހޭ ފަރާތްތަކުން ބުނުމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު