ނާއިބު ރައީސް ފައިސަލް ނަސީމް
ނާއިބު ރައީސް ފައިސަލް ނަސީމް
ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރަން ބޮޑު އިސްކަމެއް ދޭންޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ފައިޞަލް ވިދާޅުވީ، ސިއްހީ ގިނަ ވަސީލަތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި އެއާއިއެކު މިހާރު އެންމެ އިސްކަމެއް ދޭންޖެހިފައިވަނީ ވަސީލަތްތައް ބޭނުންކުރަން އުފައްދަންޖެހޭ މީހުން އުފެއްދުމުގެ މަސައްކަތަށް ކަމަށެވެ.

"މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަތީފެންވަރުގެ ހިދުމަތްތައް ދެވޭނެފަދަ ގޮތަކަށް ހޮސްޕިޓަލްތައް ބިނާކުރެވިގެން އެބަ ދޭ، އަދި އެހެން ރަށްތަކުގައި އަޅުގަނޑުމެންގެ ހެލްތް މިނިސްޓަރ އެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި އެބަ ކުރިޔަށް ގެންދަވާ. މި ވަސީލަތްތަކާއެކު އަޅުގަނޑުމެން އެންމެ ބޮޑަށް ވިސްނަންޖެހޭ ކަމަކީ މި ކަންތައްތަކަށް މީހުން ބިނާކުރުން." ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވިއެވެ.

ފައިޞަލް ވިދާޅުވީ، ފައިސާ ހުރިނަމަ ހޮސްޕިޓަލްތަކާ ޑައިގްނޯސްޓިކް ފެސިލިޓީތައް ވަރަށް ފަސޭހަ ކަމާއެކު ގާއިމު ކުރެވިދާނެ ކަމަަށެވެ. 3 އަހަރުން ގާއިމުކުރެވޭ ތަންތަން މިހާރު 1 އަހަރުން ވެސް ގާއިމު ކުރެވޭ ކަމަށާއި ނަމަވެސް، މީހުން ބިނާ ކުރުމަކީ އެގޮތަށް ކުރެވޭނެ ކަމެއް ނޫންކަން ފާހަގަ ކުރައްވާ ފައިޞަލް ވިދާޅުވީ، ކުރީގައި 3 އަހަރުން ބިނާކުރާ މީހާ މިހާރުވެސް 1 އަހަރުން ބިނާ ކުރެވެން ނޯންނަ ކަމަށެވެ.

ނާއިބު ރައީސް ވިދާޅުވީ، ސިއްހީ ދާއިރާ ފަދަ ދާއިރާތަކަށް މީހުން ބިނާ ކުރުމުގައި ތައުލީމީ ދާއިރާއަކީ ވަރަށްވެސް މުހިންމު ދާއިރާއެއް ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި، ރާއްޖޭގައި ކެންސަރު ބައްޔަށް ހުށަހެޅޭ ސަބަބުތައް ބެލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ދިރާސާތަކެއް ކުރަން ފަށާފައިވާކަން ސަރުކާރުން ވަނީ އިއުލާނު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު