ހިޔާ ފްލެޓް ލިބުނު ފަރާތްތަކުން އެތަނަށް ކުރި ހަރަދު ހަމަވަންދެން ކުލީގެ ގޮތުގައި ނަގާ އަދަދު ކުޑަކުރުމަށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފިއެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، ހިޔާ ފްލެޓް ކަމަށްބުނި ނަމަވެސް އެ ފަރާތްތަކަށް ފްލެޓެއް ނުދެވޭ ކަމަށާއި، ދެވުނީ ހަތަރު ފާރު ކަމަށެވެ.

ފްލެޓްތަކުގައި ދޮރު ހަރުކޮށް މުށިޖަހާ ކުލަލާ ހެދީ ކުއްޔަށް ހިފި ނުވަތަ ފްލެޓް ލިބުނު ފަރާތްތަކުންކަމަށް އޭނާ ވިދާޅުވިއެެވެ. ބޮންޑޭ ވިދާޅުވީ، އިންސާފުވެރި ގޮތަކީ ހިޔާ ފުލެޓް ލިބުނު ފަރާތްތަކުން އެތަނަށް ކުރި ހަރަދު ހަމަވަންދެން މަހަކު 4500 ރުފިޔާ ކުލީގެ ގޮތުގައި ނެގުން ކަމަށެވެ.

ބޮންޑޭ މިގޮތަށް ވާހަކަ ދެއްކެވިއިރު ފްލެޓްތައް ހަވާލުކޮށް ބައެއް މީހުން ފްލެޓް ތަކުގައި ދިރިއުޅޭތާ ހަމަހަށްވުރެ ގިނަދުވަސްވެފައިވާއިދު ސަރުކާރުން މިހާތަނަށް ވެސް ހިޔާ ފްލެޓުން އެއްވެސް ފީއެއް ނަގާފައެއް ނުވެއެވެ.