ރާއްޖެއަށް ސިމެންތި ލިބުން މިވަގުތު ވަރަށް ބޮޑަށް ދަތިވެފައިވީ ނަމަވެސް މި މަހުގެ 25 އިން ފެށިގެން އެމައްސަލަ ހައްލުވެ ސިމެންތި ލިބެން ފަށާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެެވެ.

ރާއްޖެއިން ސިމެންތި ލިބުން ދަތިވެ، ސިމެންތީގެ އަގު ވަނީ އުފުލިފައެވެ. ސިމެންތި ލިބުން ދަތިވުމާއި ގުޅިގެން ބައެއް ކޮންސްޓަރަކްޝަން މަސައްކަތްތައް ވަނީ ހުއްޓިފައެވެ. އެކަމާ ގުޅިގެން މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން އަމްރު ވިދާޅުވީ، ސިމެންތި ލިބުން އެހާ ބޮޑަށް ދަތިވެފައިވަނީ ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ސިމެންތި ސަޕްލައި ކުރުމުގައި ދަތިތައް ކުރިމަތިވެގެން ކަމަށެވެ.

އެހެން ނަމަވެސް މި މަހުގެ 25 އިން ފެށިގެން އަނެއްކާ ވެސް ސިމެންތި ލިބެން ފަށާނެ ކަމަށް އަމްރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަންނަ މަހުން ފެށިގެން އެސްޓީއޯގެ ޝިޕިން ކުންފުނި، އެމްއެސްއެސް އިން ކޮންސްޓްރަކްޝަން ސާމާނު ގެންނަން ބޯޓެއް ގެނެސް ދަތުރުތައް ފަށާނެ ކަމަށެވެ.

ކޮންސްޓްރަކްޝަނަށް ހާއްސަކޮށް ގެންނަނީ 4،000 ޓަނުގެ ބޯޓެއް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. އެ ބޯޓުން މަހަކު އެއްފަހަރު ދަތުރެއް ކުރާނެ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ.

އެސްޓީއޯއިން މިހާރު ވަނީ ސިމެންތި ލިމިޓްކޮށްގެން ވިއްކަން ފަށާފައެވެ. ސިމެންތި ލިބުން ދަތިވެ މިހާރު ސިމެންތި ބަސްތާއެއްގެ އަގު ވަނީ 170ރ. އަށް އުފުލިފައެެވެ. މީގެ ކުރިން ސިމެންތި ބަސްތާ އެއްގެ އަގުހުރީ 105 ރުފިޔާއަށެވެ.



ކިޔުންތެރިންގެ ހިޔާލު