ހިޔާ ފްލެޓްތަކުގެ އެއްބަސްވުމާއި އެއްގޮތަށް ގިނަ ބަޔަކު ކުލި ދައްކަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ބުނެފިއެވެ.

ހިޔާ ފްލެޓްތަކުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ ކުލި ނަގަން ފަށާފައެވެ. ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށާފައި ވަނީ 3 ފަހަރެއްގެ މަތިން، ކުލި ނެގުން ފަސްކޮށްދިނުމަށް ފަހުއެވެ.

ހިޔާ ހައުސިން ޔުނިޓްތަކުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 7500 ރުފިޔާއެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާއާއެކު، ފްލެޓްތަކުގެ ވެރިން މަހަކު 8500 ރުފިޔާ އެޗް.ޑީ.ސީއަށް ދައްކަން ޖެހޭނެއެވެ.

އެޗްޑީސީން ބުނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ ކުލި ބަލައިގަންނަން ފަށާފައިވާއިރު، ގިނަ ބަޔަކު ކުލި ދައްކަމުންދާކަމަށެވެ.

ހިޔާ ފްލެޓްތަކަށް ކުލި ދެއްކުމަށް ފަސޭހަ އިންތިޒާމްތަކެއްވެސް އެޗް.ޑީ.ސީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން އެޗް.ޑީ.ސީގެ "މައި ހުޅުމާލެ" އޮންލައިން ވެބް ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ. ނަމަވެސް މި އިންތިޒާމް މިވަގުތު ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް އެކަންޏެވެ.

ވެބް ޕޯޓަލުން ކުލި ދެއްކުމަށްޓަކާ އީފާސް އެކައުންޓުން ލޮގިންވެ ޕޭމަންޓް ޕޯޓަލް މެދުވެރިކޮށް ޕޭމަންޓް ޕްރޮސެސް ކުރިއަށްގެންދެވޭނެއެވެ.

މި ޕޯޓަލް މެދުވެރިކޮށް ފައިސާ ދައްކަން ބޭނުންވާ ފްލެޓް ޚިޔާރުކުރެވޭނެއެވެ. އަދި ދައްކަން ބޭނުންވާ ފައިސާގެ އަދަދު ޖެހުމަށްފަހު، ބޭނުންވާ ޕޭމަންޓް މޮޑިއުލެއް ޚިޔާރުކޮށް ފައިސާ ދައްކާލެވޭނެއެވެ.

ހިޔާ ފްލެޓްތަކުގައި ގިނަ ބަޔަކު އުޅެމުންދާއިރު އެސަރަޙައްދަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް އެޗްޑީސީއާއި، ސަރުކާރުގެ ކަމާއި ގުޅުންހުރި ފަރާތްތައް ގުޅިގެން އަންނަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު