ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާނާ ދެކޮޅަށް ހުށަހެޅި އިތުބާރު ނެތްކަމުގެ ވޯޓު ފާސްކޮށް އޭނާ މިރޭ މަގާމުން ދުރުކޮށްފި އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރީ ގާނޫނު ހަދާ މަޖިލީހުގައި މިރޭ ނެގި ވޯޓްގައެެވެ. އިމްރާންގެ އިތުބާރު ނެތްކަމަށް 174 މެމްބަރުން ވަނީ ވޯޓް ދެއްވާފައެެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި 342 މެމްބަރުން ތިއްބަވައެެވެ. އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށް ދިޔަ އިރު ވެރިކަން ކުރާ ޕާޓީގެ މެންބަރުން ވަނީ މަޖިލިސް ބޮއިކަޓް ކޮށް ޖަލްސާ އިން ނިކުމެވަޑައިގެންފައެވެ. މިއީ ޕާކިސްތާންގެ ތާރީހުގައިވެސް އިތުބާރު ނެތް ކަމަށް ފާސްކޮށް ބޮޑުވަޒީރަކު މަގާމުން ދުރުކުރި ފުރަތަމަ ފަހަރުކަން ފާހަަގަކޮށްލެވެއެވެ.

މި ވޯޓްގެ ކުރިން ޕާލަމެންޓް ރައީސްކަމުގައި ހުންނެވި އަސަދު ގައިސަރާއި، އަދި ޕާލަމެންޓްގެ ނައިބް ރައީސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ޕާލަމެންޓުގެ ރައީސް އަސަދު ގައިސަރު އިސްތިއުފާ ދެއްވުމުން، ޕާލަމެންޓްގެ ރިޔާސަތާ ހަވާލުވެވަޑައި ގެންނެވީ އިދިކޮޅު، ޕާކިސްތާން މުސްލިމް ލީގް – ނަވާޒް ޕާޓީގެ ބޭފުޅެއް ކަމަށްވާ ސަރްދާރް އަޔާޒް ސާދިގެވެ.

އިތުބާރު ނެތްކަމުގެ ވޯޓް ކުރިއަށްދާކަން ރިޔާސަތުން އެންގުމާ ގުޅިގެން އެ ވޯޓް ނެގުމުގެ ކުރިން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުން ވަނީ ނުކުމެވަޑައި ގެންފައެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި ބޮޑުވަޒީރު އިމްރާން ޚާންގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާފައިވަނީ މިރޭ މެންދަމާ ހަމައަށް އަންނައިރު ވޯޓު ނުނަގައިފިނަމަ ގާނޫނީ ފިޔަވަޅު އަޅާނޭކަމުގެ އިންޒާރު ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ދީފައި ވަނިކޮށެވެ.

މީގެ ކުރިން އިމްރާން ޚާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ގާނޫނު ހަދާ މަޖިލީހަށް ހުށައެޅުމުން އެމައްސަލަ ވަނީ ބޭރުކޮށްލާފައެވެ. އޭގެފަހުން ބޮޑުވަޒީރު އިމްރާން ޚާންގެ އެންގެވުމަށް ގާނޫނު ހަދާ މަޖިލިސް ވަނީ އުވާލާފައެވެ.

އެ ނިންމުން އިދިކޮޅު ފަރާތްތަކުން ސްޕްރީމް ކޯޓަށް ހުށައެޅުމުން ބޮޑުވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކުރީ ގާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި އެ ވޯޓް އަލުން ނެގުމަށް ސްޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ގާނޫނު ހަދާ މަޖިލިސް އުވާލުމަށް ނިންމި ނިންމުން ވެސް ސްޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ޝެހްބާޒް ޝަރީފެވެ.

ވޯޓާ ދިމާކޮށް ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ބޮޑު ޕާޓީއެއް ކަމަށްވާ މުއްތަހިދާ ގައުމީ މޫވްމަންޓް ޕާކިސްތާން (އެމްކިއުއެމް-ޕީ) އާއި އިމްރާންގެ ތަހްރީކީ އިންސާފް (ޕީޓީއައި) ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ އިދިކޮޅު ފަރާތްތަކާއި ބައިއަތު ހިފާފައެވެ.

ޕާކިސްތާނުގެ 75 އަހަރުވީ ތާރީހުގައި މިހާތަނަށް އެގައުމުގެ އެއްވެސް ބޮޑުވަޒީރަކަށް މަގާމުގެ ދައުރު ފުރިހަމަ ކުރެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު