32 ވަނަ އެޕިސޯޑް

==========

ނާއިލް ދަނީ އޭނާގެ އަނބިމީހާ ޢައިޝާގެ ކުރިމަތީގައިވެސް ސީދާ އެހެން ބުނަމުންނެވެ. ތަކުރާރުކޮށް އެތައް ފަހަރަކު އޭނާ ޢައިޝާގެ ކުރިމަތީގައި އެހެން ބުނެފިއެވެ.

[ދަރިފުޅާ...ނާއިލް..މިއަދު ބައްޕަމެން މިތިބީ ވަރަށް ބޮޑަށް އުފާވެފައި....ބައްޕަ ކާފައަކަށްވުމުގެ އުއްމީދު ފުރިހަމަވާތީ....އަދިވެސް ދަރިފުޅު ހީވަނީ އުފަލެއްނުވޭހެން.] އިލްޔާސް ނާއިލާ ވާހަކަ ދެއްކީ، ނާއިލް ހޮސްޕިޓަލުން ގެއަށް އައިސް ވަން ވަގުތުގައެވެ.

[ބައްޕަމެން އުފާކުރޭ، މަންމަވެސް އުފާކުރޭ. އެކަމަކު އަހަރެން ކުޑަކޮށްވެސް އުފަލެއްނުވޭ. ޢައިޝާ ވިހާ ކުއްޖަކަށް.....އަހަންނަކަށް ބައްޕައެއްގެ ލޯތްބެއް ނުދެވޭނެ.] ނާއިލް މިހެން ބުނެފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ބައްޕަގެ ޖަވާބަކަށް އިންތިޒާރުވެސް ކުރުމެއްނެތިއެވެ.

އިލްޔާސާއި ނާޒިމާ އެކަކު އެނަކަކުގެ މޫނަށް ބަލައިލިއެވެ. އެއަށްފަހު އިލްޔާސް ދެއަތަކަށް ބޯހޫރާލިވެސްމެއެވެ.

[އެސޮރަށް ކިހިނެއްބާ އެވަނީ؟ އަހަރެން ކުރީގައި ވިސްނަނީ ލޯތްބަކީ އެއްވެސް އާރެއް ބާރެއް ހުރި އެއްޗެއް ނޫން ކަމަށް..އެކަމަކު އެސޮރު އެދަނީ ލޯތްބެއްގެ އާރާއި ބާރު ސާބިތުކޮށްދެމުން.] އިލްޔާސް ވިސްނާލިއެވެ.

[އަހަރެމެންނަށް ގޯސް ހެދުނީދޯ؟ ޙަޤީޤަތުގައި އަހަރެމެން ބުނެގެން، ބާރުއަޅައި މަޖުބޫރު ކޮށްގެން އެސޮރު އެކައިވެނި ކުރީ...އެސޮރުގެ އެހިތްދަތިކަމުގެ ސަބަބުން އަހަންނަށްވެސް މިހާރަކަށް އައިސް ނުވެސްކެވޭ.] ނާއިލް ތަޙައްމަލް ކުރަމުންދާ ހިތްދަތި ކަމުގެ ޒިންމާ، ނާޒިމާ އަމިއްލައަށް ބޮލުގައި އަޅުވައިފިއެވެ.

[އަހަރެންވެސް ނާއިލްދެކެ ވަރަށް ލޯބިވޭ...އެއީ އަހަރެންގެ ދެލޮލުގެ ނޫރު ފަދައިން ދެކޭ ދަރިއެއް..އެކަމަކު އެއީ އެސޮރު އަމިއްލައަށް ހޯދައިގަތް ދިރިއުޅުމެއް...އެކަމުގެ ޒިންމާ ނަގަންޖެހޭނީ ސީދާ އެދެމަފިރިން. އެހެން އެއްވެސް މީހަކު ނޫން.] އިލްޔާސް ކުށްވެރި ކުރީ ނާއިލްގެ ދެމަފިރިންނެވެ. ޙަޤީޤަތަކީވެސް އެއީއެވެ.

އެދިރިއުޅުން ހޯދައިގަތީ ނާއިލް އަމިއްލައަށެވެ. ނާއިލް މަސައްކަތް ކޮށްފިނަމަ، އެޒަވާޖުގައިވެސް އުފާވެރި ކުލަ ޖެއްސިދާނޭ ކަމަށް އިލްޔާސް ދެކެއެވެ. އެކަމަކު އެކަން ކުރެވޭނީ ނާއިލާއި ޢައިޝާވެސް ދެފަރާތުން އެއްވަރަކަށް މަސައްކަތް ކޮށްގެނެވެ.

ނާއިލަށް ޢައިޝާގެ ލޯތްބާއި އަޅާލުން ލިބޭއިރު، ނާއިލްވެސް ލޯތްބާއި އޯގާތެރިކަން ދައްކައިގެނެވެ. ނަމަވެސް، އެކައިވެންޏަށްފަހު ނާއިލްގެ މޫނުމަތީގައި އެއްވެސްވަރަކަށް ހިނިތުންވުމުގެ އަސަރުވާ ތަނެއް ނުފެނެއެވެ.

ނާއިލެކޭ ޙަޤީޤީ ލޯތްބެއްގައި ޤަޢިދުވެފައިވާ ބަލިކަށި ހިތެއްގެ ވެރި އަންހެން ކުއްޖެކޭ އެއްވެސް ތަފާތެއް ނެތްމެއެވެ. އަބަދުމެ އޭނާ ހުންނަތަން ފެންނަނީ މޮޅިސާލު ލައިގެނެވެ.

އޭނާ މިހާރު އެންމެ ކަންބޮޑުވަނީ ޢައިޝާ ބަލިވެ އިނީމައެވެ. ޢައިޝާގެ ބަނޑުން އޭނާއަށް ދަރިޔަކު އުފަންވުމަކީ އޭނާ އެދޭ ކަމެއްވެސް ނޫނެވެ. ބައެއްފަހަރު ޢައިޝާގެ ބަނޑުގައިވާ ކަމަށް ބުނާ ދަރިފުޅާމެދު އޭނާގެ ހިތުގައި ސުވާލުވެސް އުފެދެއެވެ. ހަމަގައިމުވެސް ކައިވެންޏަށްފަހު އޭނާއާއި ޢައިޝާ އެއްދާން ކޮށްފައިވަނީ އެންމެ ރެއެއްގައެވެ. އެއީވެސް ރޭވުންތެރި ވިސްނުމެއްގައި ޢައިޝާ ލިބިގެންފައިވާ ފުރްޞަތެކެވެ. ނާއިލްގެ އިޚްތިޔާރާ ނުލައެވެ.

އޭގެފަހުން ދުވަހަކުވެސް އޭނާ ޢައިޝާއާއެކު އެއްތަނެއްގައި ނިދާފައެއްވެސް ނުވާނެއެވެ. އެހެން ނަމަވެސް، ޢައިޝާ ބަލިވެއިން ކަމަށް ބުނާނަމަ، އެކަން ޤަބޫލުކުރަންވެސް އެބަޖެހެއެވެ.

ޢައިޝާގެ ބަނޑުގައި އޭނާގެ ދަރިޔަކު އޮތަސް، އޭނާއަކަށް ޒޭނާއާ ދުރަކަށް، ޒޭނާގެ ވިސްނުމާ ދުރަކަށް ނުދެވޭނެއެވެ. އޭނާ ޒޭނާ ދެކެވަނީ ތެދުވެރި ލޯތްބެވެ.

[ޢައިޝާ...ކީއްވެ ބަނޑުބޮޑުވާންވީ؟ ބުނެބަލަ، މިސުވާލަށް ޖަވާބުދީބަލަ.] ނާއިލް، ޢައިޝާއާއެކު އެކަނިވީ ވަގުތު ޢައިޝާއާ ސުވާލު ކުރިއެވެ.

[ތިސުވާލު އަހަރެން ނާއިލާ ކުރަންތަ؟ ކީއްވެ އަހަރެން ބަނޑު ބޮޑުވީ؟ ނާއިލަށް އެނގެއެއްނު، ނާއިލް އަހަންނާއެކު ދިރިއުޅެން ނުވިސްނާނަމަ، ކީއްވެ ބަނޑުބޮޑުވާންވީ؟] ޢައިޝާ ނާއިލް ކުށްވެރި ކުރިއެވެ. ނާއިލް އިތުރަށް އެމަޥްޟޫޢަކަށް ބަޙުޘް ކުރާކަށް ބޭނުމެއް ނުވިއެވެ. ޢައިޝާއާ ވާހަކަ ދައްކައިގެން ކުރި ނުލިބޭނެކަން އޭނާއަށް އެނގޭތީއެވެ.

ފަހުންވެސް ނާއިލްގެ މަންމަ، އެހެންމެ ޒޭނާގެ ބޮޑުދައިތަ ނާޒިމާ، ޒޭނާއަށް ގުޅާފައި ވިސްނައިދިނެވެ. އަދި ހައިޝަމްއާ ކައިވެނި ކުރުމަށް އޭނާވެސް ޒޭނާއަށް ލަފާދިނެވެ.

[ދަރިފުޅާ...ތިގޮތަށް ވިސްނާ ވިސްނާ ދިރިއުޅުން ނަގާނުލާ. މިހާރު ދައްތަ ދަރިފުޅާ މިވާހަކަ ދައްކަނީ، ދަރިފުޅުގެ ބޮޑުދައިތަގެ ޙައިޘިއްޔަތުން. ދައްތަމެންނަކީ މާބޮޑު ޢާއިލާއެއް އޮތް ބައެއް ނޫން. ތިބިހާވެސް ބަޔަކީ ތިޔަ ދެކުދިން. ދެކުދިން ތިޔައުޅެނީ މިހާރު މުޅިން އެހެން ޙާލަތެއްގައި. ދެކުދިންވެސް ހިތާމައާއި ހިތްދަތި ކަމުގައި އުޅޭ މަންޒަރުން ދައްތަގެ ހިތް ތޮރުފެމުން މިދަނީ.] ނާޒިމާ ބުންޏެވެ.

[ދައްތާ އުފާވެރި ދިރިއުޅުމެއް ފެނޭތޯ ޒޭނާ އެބަ މަސައްކަތް ކުރަން. އެކަމަކު...] ޒޭނާ ހުއްޓުން އެރިއެވެ.

[ކުރީ ދުވަހުވެސް ނާއިލަށް ގުޅާފަ އެވާހަކަ ދެއްކޭތޯ ހިތްވަރު ކުރިން. އެކަމަކު ހިތްވަރެއް ނުލިބުނު ގުޅާކަށް. އެކަމަކު މިއަދު ގުޅާނަން...ޒޭނާ ބުންޏެވެ.

އެދުވަހު ހަމަ އެވަގުތު ވަރަށް ހިތްވަރު ކޮށްފައި ޒޭނާ ނާއިލަށް ގުޅިއެވެ. ނާއިލް ފޯނު ނެގުމާއެކު، ތިމަންނާގެ މަތިން ހަނދާން ނައްތާލުމަށާއި، ތިމަންނާ ކައިވެންޏެއް ކުރަން އުޅެނީއޭ ބުނެފައި، ނާއިލްގެ ޖަވާބަކާމެދު ވިސްނައިލުމެއްވެސްނެތި އޭނާ ފޯނު ކަނޑާލިއެވެ.

ނާއިލަށް އެ ފޯނު އައި ވަގުތު އޭނާގެ ގާތުގައި ޢައިޝާވެސް ހުއްޓެވެ.

[ކާކު ގުޅީ...؟] ނާއިލްގެ މޫނުމައްޗަށް އަރަމުންދިޔަ ކުލަވަރުން ޢައިޝާވެސް ކަންބޮޑުވިއެވެ. ނާއިލް ވަރަށް ބޮޑަށް ހާސްވެއްޖެކަން އޭނާއަށް އެނގުނީކަންނޭނގެއެވެ.

[ޒޭނާ...ނުވާނޭ އެހެނެއް...ޒޭނާއަކަށް އަހަންނާނުލާ ނޫޅެވޭނެ. ޒޭނާގެ ދިރިއުޅުމަށް އަހަރެންގެ ލޯބި ބޭނުންވާނެ...] އޭރު އެމީހުން ތިބީ ގޭގެ އެންމެ ތިރީގައި ކާރު ގަރާޖުތެރޭގައެވެ. އެހިތްދަތި ކަމުގައި ނާއިލަށް އެއްވެސް ޚިޔާލެއް ފިކުރެއްނެތި ފަހަތަށް ޖެހެން ފެށުނެވެ.

[އޭނާ ކައިވެނި ކުރަން އުޅޭ ވާހަކަ ބުނީތަ؟] ޢައިޝާއަށް ވިސްނުނެވެ.

[ޢައިޝާ، ކަލެޔާހުރެ އަހަންނަށް ހުރިހާ ހިތްދަތިކަމެއްވެސް މިލިބެނީ....] ނާއިލަށް ފަހަތަށް ޖެހެމުން ގޮސް މަގުމައްޗަށް ނުކުމެވުނީ އެވަގުތުއެވެ. މަގުމަތިން ދުއްވަމުންދާ ވެހިކަލްތަކަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތްކަމުން، ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއްގައި ވިއްސައިގެން އައިސް ނާއިލަށް ގޮވަމުން ދަނިކޮށެވެ.

[ނާއިލް...ނާއިލް....] ބާރު ދުވެލީގައި ދިޔަ ކާރުގައި ޖެހި ނާއިލް ބުރައިގެން ގޮސް ޖެހުނީ ދިހަވަރަކަށް ފޫޓް ދުރުގައެވެ. ޖެހުމާއެކު ޢައިޝާ ބާރަށް ހަޅޭއްލަވައިގަންނަމުން އެދިމާއަށް ދުއްވައިގެންފިއެވެ.

ވަގުތުން މުޅި އެސަރަޙައްދަށް މީހުން އެއްވެއްޖެއެވެ. ގޭތެރޭގައި ތިބި ނާޒިމާއާއި އިލްޔާސްވެސް އެއަޑަށް ނުކުމެއްޖެއެވެ.

ދަރިފުޅު އޮތް ޙާލު ފެނުމާއެކު ނާޒިމާ އަނބުރައިގަތެވެ. އަޑުވީއްލާ ރުއިމަށްފަހުގައެވެ.

ވަގުތުން ނާއިލް ގެންދެވުނީ ހޮސްޕިޓަލަށެވެ. އޭނާއަށް ބޮޑެތި އަނިޔާތަކެއްވެފައި ވުމާއެކު، ވައްދަން ޖެހުނީ އައި.ސީ.ޔޫ އަށެވެ. މިހާރު ޢައިޝާވެސް ރޮނީއެވެ.

[ދަރިފުޅާ ޢައިޝާ ބުނެބަލަ...މިއީ ކިހިނެއް ހިނގި ކަމެއްތަ؟ ދަރިފުޅު ހުރީމެއްނޫންތަ ކައިރީގައި.] ރޮވިފައި ހުރެ އިލްޔާސް، ޢައިޝާއާ ސުވާލު ކުރިއެވެ.

[ބައްޕަ...ޒޭނާ ގުޅާފައި ކައިވެނި ކުރަން އުޅޭ ވާހަކަ ބުނީ...ބުނީމާ އަހަންނާ ދިމާއަށް ބުނީ....ކަލެޔާހުރެއޭ ތިމަންނާއަށް ހިތްދަތިކަން ލިބެނީ...އެހެން ކިޔާފައި...ގަނޑުވެފައި ހުރެ ފަހަތަށް ޖެހެމުން ޖެހެމުން ގޮސް މަގުމައްޗަށް ނުކުމެވުނީ.....އެކްސިޑެންޓްވި ސަބަބަކީ ޒޭނާގެ ފޯންކޯލް....] އޭރު އެތަނުގައި ޒޭނާގެ ބައްޕަ އާދެ، ނާއިލްގެ ބޮޑުބޭބެ ޔޫސުފްވެސް ހުއްޓެވެ.

ޔޫސުފަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އޭނާ ވަގުތުން ޒޭނާއަށް ގުޅާފައި އެޚަބަރު ދިނެވެ. ވަގުތުން އެޚަބަރާއެކު ޒޭނާގެ ބަޑި ފަޅައިގެންދިޔައެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ހޮސްޕިޓަލަށް ދިޔުމަށްޓަކައި ދުއްވައިގަނެވިއްޖެއެވެ. އޭނާވެސް ދުވަމުން ދިޔައީ ދުއްވާ އެއްޗިއްސަށާއި ހިނގާބިގާވާ މީހުނަށް މާބޮޑު ބެލުމެއްނެތިއެވެ. ވަކިހިސާބަކަށް ދުވަމުން ގޮސް އޭނާ ހުއްޓުނީ މިޞްރާބު އޮޅިގެނެވެ. އޭނާއަކަށް ހޮސްޕިޓަލަށް ދާން ދަތުރުކުރަންވީ މަގެއް ނޭނގުނެވެ.

އޭނާގެ ފަހަތުން ޒާހިދާ ނުކުތް ނަމަވެސް، އޭނާއަކަށްވެސް ޒޭނާ އަތެއްނުވިއެވެ. އެންމެފަހުން ޒޭނާގެ ފަސް ގެއްލުމާއެކު، އޭނާ ޔޫސުފަށް ގުޅާފައި އެވާހަކަ ބުނެފިވެސްމެއެވެ.

[މިހާރު އެމަންޖެ ކޮބައިތަ؟] ޔޫސުފްވެސް ވަރަށް ބޮޑަށް ހާސްވެއްޖެއެވެ.

[ނޭނގެ ހޮސްޕިޓަލަށް ދާން ނުކުތީ....ވަރަށް ބާރަށް ރޮމުން ދިޔައީވެސް....] މިހާރު ޒާހިދާއަށްވެސް އެބަ ރޮވެއެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން