މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ފަރާތުން ރަމަޟާން މަހާއި ދިމާކޮށް ސަލްމާން މިސްކިތުގައި ބާއްވަން ރޭވި ދަރުސް ޕްރޮގްރާމް ބޭއްވުމުގެ ހުއްދަ އެ ކޯލިޝަނަށް ނުދިން ކަމަށްބުނެ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ޕީޕީއެމާއި ޕީއެންސީއަކީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕްރޮގްރާމް ގަވާއިދުން ހިންގަމުންދާ ޕާޓީތަކެއް ކަމަށާ މި ރަމަޟާންމަހު މިސްކިތްތަކުގައި ދަރުސް ދިނުމުގެ ހުއްދަ ސިޔާސީ ޕާޓީތަކަށް ދޫކުރާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިކަމަށް ރާއްޖޭގެ ނޫސްތަކުން އާންމު ކުރުމާގުޅިގެން، ޕީޕީއެމްގެ ފަރާތުން ކިންގ ސަލްމާން މިސްކިތުގައި ދަރުސް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީއަށް 6 އޭޕްރީލް 2012ގައި ވާނީ ސިޓީއެއް ފޮނުވާފައި ކަމަަށެވެ.

އަދި އެ ސިޓީއާ ގުޅިގެން މިސްކިތްތަކުގައި ސިޔާސީ ޕާޓީތަކުން، ޕާޓީގެ ލޯގޯ ޖަހައިގެން ދަރުސް ދިނުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް 8 އޭޕްރީލް 2022 ގައި އަދާލަތު ޕާޓީން ޝަހީދު ޢަލީ މިސްކިތުގައި އެ ޕާޓީގެ ލޯގޯ ޖަހައިގެން ދަރުސް ބާއްވާފައިވާކަމަށް ސިޓީގައި ވިދާޅުވެފައިވެއެވެ.

ސިޓީގައި އާދަމް ޝަރީފް ވިދާޅުވީ، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރަކީ ޢަދާލަތު ޕާޓީއަށް ނިސްބަތްވާ ބޭފުޅަކަށްވެފައި އަދި ސިޔާސީ ޕާޓީގެ ލޯގޯ ޖަހައިގެން ދަރުސް ދިނުމުގެ ހުއްދަ ނުދޭން ނިންމި ކަމަށް ވިދާޅުވިނަމަވެސް، ޢަދާލަތު ޕާޓީއަށް އެ ފުރުސަތު ދެއްވަމުން ގެންދަވާކަން ވަނީ ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، ޕީޕީއެމުން ފޮނުވި ސިޓީއަށް މިއަދާ ހަމައަށްވެސް ޖަވާބު ނުދިނުމާއި ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅެނީ ކީއްވެގެންތޯއާއި ދީނީ ދަރުސް ދިނުމަށް މިސްކިތްތައް ދޫކުރާ އުޞޫލެއް ކަނޑައަޅާފައިވޭތޯ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބަލައިދިނުމަށް އާދަމް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.

އިދިކޮޅަށް މިސްކިތުގައި ދީނީ ދަރުސް ދިނުމުގެ ހުއްދަ ނުދީ ވަނިކޮށް އަދާލަތު ޕާޓީގެ ލޯގޯއާއެކު މާލޭގެ މިސްކިތެއްގައި ދަރުސް ދިންކަން ދާދިފަހުން ވަނީ ހާމަވެފައެވެ. އަދި އެކަމާ ގުޅިގެން އިދިކޮޅުންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު