އޭޝިޔާ ސަރަހައްދާއި ޕެސިފިކް ސަރަހައްދު ހިމެނޭހެން މިއަހަރު އެންމެ ބާރަށް ކުރިއަރާނީ ދިވެހިރާއްޖޭގެ އިގްތިސާދުކަމަށް އޭޝިޔަން ޑިވެލޮޕްމަންޓް ބެންކު، އޭޑީބީން ހާމަކޮށްފިއެވެ.

އޭޑީބީން މިކަން ހާމަކޮށްފައިވަނީ އެ ބޭންކުން އަހަރަކު އެއްފަހަރު ނެރޭ އޭޝިއަން ޑިވަލޮޕްމަންޓް އައުޓްލުކް ރިޕޯޓުގައެވެ.

އޭޝިޔާއާއި ޕެސިފިކްގެ 46 ގައުމެއްގެ އިގްތިސާދު އޮތް ހާލަތާއި ގުޅޭގޮތުން ނެރެފައިވާ ރިޕޯޓްގައިވާ ގޮތުން ރާއްޖޭގެ އިގްތިސާދު މިއަހަރު 11 އިންސައްތަ ކުރިއަރާނެއެވެ. މިއީ މި ރިޕޯޓްގައި ހިމެނޭ ގައުމުތަކުން އެންމެ ހަލުވި ދުވެލީގައި ކުރިއަރާނެ އިގްތިސާދެވެ.

އޭޑީބީގެ ރިޕޯޓްގައިވާ ގޮތުން ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރިނަމަވެސް އިގްތިސާދީ އެހެން ސިނާއަތްތަކަށް ކުރިއެރުން ލިބިގެންދާނެއެވެ.

އޭޑީބީން ބުނާގޮތުން ރާއްޖޭގެ އިގްތިސާދު ކޯވިޑަށްފަހު އާރާސްތުވަމުންދަނީ ފަތުރުވެރިކަމުގެ އިތުރުން ބޮޑެތި ޕްރޮޖެކްޓްތަކުގެ ސަބަބުންނެވެ.

އޭޑީބީގެ އިތުރުން މި އަހަރު އޭޝިއާ ސަރަހައްދުގައި އެންމެ ބާރަށް ކުރިއަރާ އިޤްތިސާދަކަށް ރާއްޖެ ވާނެކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފުންވެސް ވަނީ ލަފާކޮށްފައެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވަނީ 2022 ވަނަ އަހަރު އޭޝިއާ ސަރަހައްދުން އިޤްތިސާދު ކުރިއަރާނެ ޤައުމުތަކާއި މިންވަރު އަންދާޒާކޮށްފައެވެ. މި ލިސްޓުގައި ރާއްޖެ ހިމެނެނީ އިޤްތިސާދު އެންމެ އަވަހަށް ކުރިއަރާނެ 2 ވަނަ ޤައުމުގެ ގޮތުގައެވެ. އެއީ 13.21 އިންސައްތައާއި އެކުގައެވެ.

ކޯވިޑަށްފަހު އެންމެ ބާރަށް ކުރިއަރަމުންދާ އިޤްތިސާދުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ސަރުކާރުންވެސް ވަނީ މީގެކުރިން ފާހަގަކުރައްވާފައެެވެ.

ތަޖުރިބާކާރުން ބުނާގޮތުން ރާއްޖެއިން މިފަދަ ކުރިއެރުމެއް ހޯދުމަށް މަގުފަހިވެގެން ދިޔައީ ސަރުކާރުން ކޯވިޑާއި ދެކޮޅަށް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެގޮތުން ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީވުމަށް ކުރި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާކަމަށް ތަޖުރިބާކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު


10

ފާހާނާ

11-Apr-2022

ތިޔައީ ސަރުކާރުން ދީފައި ހުންނަ ދޮގު މައުލޫމާތުގެ ސަބަބުން ލިޔާ ރިޕޯޓް. އިންފްލޭޝަން ދަނީ މައްޗަށް. ތަކެތީގެ އަގު ބޮޑުވާނީ. އާމްދަނީ ދަށްވަނީ. ދަރަނި ބޮޑުވާނީ. ދެން ތިޔައީ އަރަތެއް.