މިއަހަރު ނިމެންވާއިރަށް މިނީ ބަހުގެ ހިދުމަތް ފެށުމަކީ އަމާޒެއްކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ބުނެފިއެވެ.

މާލޭ ސަރަޙައްދުގައި ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 2019ވަނަ އަހަރުގެ ތެރޭގައެވެ.

އެމްޓީސީސީން މިހާރު ދަނީ މިނީ ބަހުގެ ހިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައްވަމުންނެވެ. އެގޮތުން މިނީ ބަހުގެ ޚިދުމަތަށް ބޭނުންވާ ބަސްތައް ފައިނަލްކޮށްފައިވާއިރު، މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރަން ހަމަޖެހިފައިވަނީ ތިމާވެއްޓާއި ރައްޓެހި އިލެކްޓްރޯނިކް މިނީ ބަސްތަކެއްކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި ބަސްތައް ގެނެސް ބަހައްޓާނެ ބިމެއް ސަރުކާރުން ދީފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އެމް.ޓީ.ސީ.ސީން ބުނީ މިނީ ބަހުގެ ހިދުމަތް ފެށުމަށް 6 މިނީ ބަސް ގެނައުމަށް މިހާރު އޯޑަރުކޮށްފައިވާކަމަށެވެ. އަދި އޯޑަރުކޮށްފައިވާ ބަސްތައް މިއަހަރުގެ ފަހުކޮޅު ލިބޭވަރުވާނެކަމަށްވެސް އެމްޓީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ އޯޑަރުކޮށްފައިވާ މިނީ ބަސްތައް ލިބުމުން މިއަހަރު ނިމެންވާއިރަށް މިނީ ބަހުގެ ޚިދުމަތް ފެށުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި މިނީ ބަސްތައް ދަތުރުކުރާނެ ރޫޓްތައް ކަނޑައަޅާނީ އެމް.ޓީ.ސީ.ސީން މާލެއާއި ހުޅުމާލެއާއި ދެމެދުކުރާ ބަސްދަތުރުތަކުގެ ރޫޓާވެސް ގުޅުވާލާ ގޮތަށްކަމަށްވެސް އެމްޓީސީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު