ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިބީއެމުން އުފައްދާ "ތާޒާ" ފެން ވިއްކަނީ ކޮންޓްރޯލްކޮށްގެންކަމަށް ބުނެ ދައްކާ ވާހަކަތައް އެމްޑަބްލިއުއެސްސީން ދޮގުކޮށްފިއެވެ.

މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށްވުމުން، ފެނުގެ ޑިމާންޑް އުފުލޭނެތީ ތާޒާ ބްރޭންޑުގެ މިނަރަލް ފެންފުޅި ސަޕްލައި ކުރާ މިންވަރު ލިމިޓްކޮށްފިކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ހަބަރު ފަތުރާފައެވެ.

މި ވާހަކަތައް ދޮގުކުރައްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ ފެން ސަޕްލައި ކުރާ މިންވަރު އެއްވެސް ވަރަކަށް ކޮންޓްރޯލްކޮށްފައި ނުވާކަމަށެވެ. އަދި އައިބީއެމުން ކޮންޓްރޯލެއް ނެތި ރައްޔިތުންނާއި ވިޔަފާރިތަކަށް ފެން ފޯރުކޮށްދެމުންދާކަމަށެވެ ޝާހު ވިދާޅުވިއެވެ.

އައިބީއެމްގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުން ވިއްކާ ބަންދުކޮށްފައިވާ ފެން ފުޅި ވިއްކަނީ ކޮންޓްރޯލްކޮށްގެންކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެ ވިޔަފާރިކުރާ ކުންފުނިތަކުން ބުނަނީ އެއްވެސް ދަތިކަމެއް ނެތި ފެން ފޯރުކޮށްދެމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު