ޖޫރިމަނާއަކާއި ނުލައި މިމަހުގެ ނިޔަލަށް ހިޔާ ފްލެޓްގެ ކުލި ދެއްކޭނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހާމަކޮށްފިއެވެ.

އެޗްޑީސީން މިއަދު ވަނީ ހިޔާ މަޝްރޫޢުގެ ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ފްލެޓްތަކުގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން މަހުން މަހަށް ދައްކަންޖެހޭ ފައިސާ އެ ކޯޕަރޭޝަނަށް ދެއްކުމާ ގުޅޭގޮތުން އިއުލާނެއް ނެރެފައެވެ.

އެ އިއުލާންގައި އެޗްޑީސީން ބުނީ ހިޔާ މަޝްރޫޢުގެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ އިންސްޓޯލްމަންޓާއި މެނޭޖްމަންޓް ފީގެތެރެއިން މިއެޕްރީލް މަހު ދައްކަވަން ޖެހޭ ފައިސާ 10 އެޕްރީލްގެ ކުރިން ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އިތުރު ކުރަން ނިންމާފައިވާކަމަށެވެ.

އަދި އެ މުއްދަތުގެ ތެރޭގައި ޕޭމަންޓް ޕޯޓަލް އަދި ކައުންޓަރުން ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާއިރު، އެއްވެސް އިތުރު ޖޫރިމަނާއެއް ނާރާނެކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ މިގޮތަށް ނިންމުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކުލި ދެއްކުމަށް ކަނޑައެޅިފައިވާ ގޮތްތަކަށް ހިޔާގައި ދިރިއުޅެމުންގެންދާ ރައްޔިތުން އިތުރަށް ހޭލުންތެރިކުރުންކަމަށެވެ.

މީގެ އިތުރުން، ކުލި ދެއްކުމުގެ ކަންކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމަށާއި އެހީތެރިވުމަށް މާދަމާ 11 އެޕްރީލް 2022 އިން ފެށިގެން ކޮންމެ ރެއެކު 21:00 އިން 23:00 އަށް ހިޔާ ސަރަހައްދުގައި ހެލްޕް ޑެސްކެއް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މިގޮތަށް ނިންމިކަމުގައި ވީނަމަވެސް މެއި 2022 އިން ފެށިގެން ކޮންމެ މަހެއްގެވެސް ޖޫރިމަނާއަކާއި ނުލާ ކުލި ދެއްކުމުގެ އެއްމެ ފަހު ތާރީހަކީ އެމަހެއްގެ 10 ވަނަ ދުވަސްކަމަށެވެ.

3 ފަހަރެއްގެ މަތިން ފަސްކުރުމަށްފަހު ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށާފައިވަނީ މިމަހުއެވެ.



ކިޔުންތެރިންގެ ހިޔާލު