ރޭވިލޭރޭ
ރޭވިލޭރޭ
15 ވަނަ އެޕިސޯޑް

==========

[އެކަމަކު ބައްޕައަށް ވާނުވާ އަޅުގަނޑަށް އަންގައްޗޭ.....] ޒައިހާ އެދުނެވެ.

އޭގެ ދެތިންދުވަސް ފަހުން އިމަރޖެންސީ ޙާލަތުގައި، މަނިކާއި ބަދުރިއްޔާ ޙުސްނީ ގޮވައިގެން އިންޑިއާއަށް ހިނގައްޖެއެވެ. ޒައިހާއާއި ޒާހިދަށް ގޭތެރޭގެ ފުރިހަމަ މިނިވަންކަން ލިބުނެވެ. އެގޭތެރޭގައި މިހާރު އެދެމަފިރިންނަށް، އެދެމަފިރިންގެ ދަރިފުޅަށް ލޯބިދޭކަށްވެސް އެއްވެސް ހުރަހެއް ނެތެވެ. ވުމާއެކު، އެކަމާ އެންމެ ބޮޑަށް އުފާކުރަނީ ޒާހިދެވެ.

[މިހާރު ދަރިފުޅު ސީދާ އެމަންޖެގެ ސިފައިގައި މިގޭތެރޭ ގެންގުޅުނަސް ރަނގަޅުވާނެ. މަންމަމެން އަންނަންދެން ގެންގުޅެވޭނެއެއްނު.] ޒާހިދު ޒައިހާގެ ކޮނޑަށް އަތް ވައްޓާލަމުން ބުންޏެވެ.

[އަހަރެންވެސް މިހުންނަނީ ތިހެން ބުނާނަމޭހިތާ. އެކަމަކު މިގޭގައި ގެންގުޅޭ ސިލޯނު މީހާއަށް ފެނިއްޖެއްޔާ މައްސަލަ ޖެހޭނެއެއްނު.] ޒައިހާ ވިސްނާލިއެވެ. އެކަން ޒާހިދަށް ވިސްނުނީ އެހާ ހިސާބުންނެވެ.

[ތިއީވެސް ރަނގަޅު ވާހަކައެއް...މިނޫން ގޮތެއް ނެތްތާދޯ؟] ޒާހިދު ބޯހޫރާލިއެވެ. އޭރު އެމީހުންގެ ދަރިފުޅު މާރީއްޗަށް ސިޓިންގރޫމްގެ ސޯފާގައި ހަތަރު އަނގުން ޖަހައިގެން އޮތެވެ. އެމަންޒަރު އެގޭގައި ގެންގުޅޭ ސިލޯނުމީހާ، އާދެ! ސިތާރާއަށް ފެނުމާއެކު، އޭނާ އައިސް އޭތި ފައްސާލެވޭތޯ އުޅުނެވެ. ނަމަވެސް، އޭތި ގުޑާވެސް ނުލިއެވެ. އޭރު ޒައިހާގެ ދެމަފިރިންވެސް ތިބީ ކޮޓަރިތެރޭގައެވެ. ވުމާއެކު، ސިތާރާ ބަލާކަށް ނުހުރެ އެތާ ދޮރުފަތް ކައިރީ އޮތް ބަރު ނަގާފައި އެބުޅަލާ ދިމާއަށް ހޫރާލިއެވެ. ހޫރާލި ބާރުމިނުގައި އެ ބަރު ގޮސް ޖެހުނީ ބުޅަލުގެ ބޮލުގައެވެ. އެއާއެކު، ބުޅަލުގެ ބޯ ޗަސްވެއްޖެއެވެ. އޭތި ރޮއިރޮއި މަރަށް ތެޅެން ފަށައިފިއެވެ. އެ އަޑަށް ޒައިހާއާއި ޒާހިދު ކޮޓަރިން ނުކުތެވެ.

ކޮޓަރިން ނުކުމެވުމާއެކު، ފެނުނު މަންޒަރުން ޒައިހާއަށް ރޮއިގަނެ ހަޅޭއްލަވައިގަނެވުނެވެ.

[މަގޭ ދަރިފުޅު، ސިތާރާ ކަލޭ ކީއްތިކުރީ.....] ޒައިހާ ރޮމުން، މަރަށް ތެޅެމުންދިޔަ ބުޅާ ނަގައިފިއެވެ. ނަމަވެސް، އެއީ އޭތީގެ އެންމެފަހު ނޭވާގެ ވަގުތުކޮޅެވެ. އެއާއެކު، ޒައިހާ ހީވީ މޮޔަވީހެންނެވެ. މަގޭ ދަރި މަރެއްނުވާނޭ ކިޔައި، ޒައިހާ ބާރަށް ރޮމުންދިޔައެވެ. އޭރު ޒާހިދަށްވެސް ރޮވެނީއެވެ. އޭނާ ދޭތެރެ ދޭތެރެއިން ނުރުހުމުގެ ނަޒަރުން ސިތާރާއާ ދިމާއަށް ބަލައިލިއެވެ. ސިތާރާ ހުރީ އިސްޖަހާލައިގެން ޙައިރާންވެފައެވެ.

ހަޤީޤަތުގައި ޒައިހާގެ ދެމަފިރިން އެ ބުޅަލަށް ދަރިފުޅާއޭ ކިޔާ މުޚާޠަބު ކުރަމުންދާތީ، އޭނާ ހުރީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ.

މިވަނީ ކީއްބާވައޭ ހިތަށްއަރައި، އޭނާގެ ހިތަށް ހިސާބަކަށް ބިރުވެރިކަންވެސް ވަނެވެ.

[އާދައިގެ ބުޅާގަނޑެއް މަރުވީމާ، ތިވަރުވާންވޭތަ. އަހަރެން ސިލޯނުން ތިއަށްވުރެން ރީތި ބުޅަލެއް ގެނެސްދީފާނަން....] ސިތާރާ ހާސްވެއްޖެއެވެ.

[ބުޅަލެކޭ....ބަލަ މިއީ މަގޭ ދަރިފުޅު. ކަލޭ ތި މަރާލީ އަހަރެމެންގެ ލޯބީގެ ނިޝާން. އެހެން ބުޅަލެއް އަހަރެން ބޭނުމެއް ނޫން....] ޒައިހާ އަދިވެސް ރޮނީއެވެ. އެވަގުތު ޒާހިދު ހިތްވަރުނެރެ ޒައިހާއަށް ހިތްވަރުދޭން ފަށައިފިއެވެ. އިސާހިތު އޭނާ ބުޅާ ހިފައިގެން ގެއިން ނުކުމެއްޖެއެވެ. ޒައިހާވެސް އޭނާގެ ފަހަތުން ނުކުންނަން އުޅުނެވެ. ނަމަވެސް، ޒާހިދު ޒައިހާއަށް ހިތްވަރު ދިނުމަށްފަހު، ގޭގައި މަޑުކުރުމަށް އެދުނީމާ، އޭނާ ވަނީ ކޮޓަރިއަށެވެ.

ބުޅާ ހިފައިގެން ބޭރަށް ނުކުތްތާ ބައިގަޑިއިރުވެސް ނުވެއެވެ. ޒާހިދު ގެޔަށް އައިސް ވަދެއްޖެއެވެ. ހުސްއަތާއެވެ. އެހުރިހާ މަންޒަރެއްވެސް ނުހަނު ގާތުން ސިތާރާ ބެއްޔެވެ. ވާނުވާ ނޭނގޭ ހާލު، ޢަޖައިބުވެ އަންތަރީސްވެފައި ސިތާރާ ހުއްޓެވެ.

ދެން އޭނާ ވިސްނީ، މި ވާނުވާ ހޯދުމަށެވެ. ޒާހިދާއި ޒައިހާގެ ފަހަތުން ފާރަލައިގެން އެކަން ހޯދުމަށްވެސް އޭނާ ގަސްތުކުރިއެވެ. މިހުރާ ގޮތެއް ރާވައިގެން ޒާހިދާއި ޒައިހާގެ ވިސްނުންހުރީ ކިހިނެއްކަން އެނގޭނީ މާކަންހެއްޔެވެ.

ގައިމެވެ. ސިތާރާއާ ދޭތެރޭ ޒާހިދު ވިސްނާނެއެވެ. ސިތާރާއަށް ޒާހިދުގެ ޙަޤީޤަތް އެނގުނީބާއޭ އޭނާގެ ހިތަށްއަރައެވެ. އެހެން އެކަން ވެއްޖެއްޔާ، ސިތާރާ ރަށުން ފޮނުވާލުމާ ދޭތެރޭ އޭނާ ވިސްނާނެއެވެ.

ޒާހިދު ބޭރުން އައިސް ވަންގޮތަށް ވަނީ ކޮޓަރިއަށެވެ. އެމަންޒަރު ދުރުން ބަލަން ހުރެފައި، އޭނާގެ ފަހަތުން އޭނާއަށް ނުފެންނާނޭހެން ސިތާރާ ކޮޓަރިއާ ދިމާއަށް ދިޔައެވެ. އޭނާ ގޮސް ހުއްޓުނީ ކޮޓަރީގައި ހުރި ފެންލައިޓެއްގެ ކުރިމަތީގައެވެ.

އޭނާ ފެންލައިޓުން އެތެރެއަށް ނަޒަރު ހިންގާލިއެވެ. އޭނާގެ އިސްކޮޅަށްވުރެން އުސް ފެންލައިޓާ ހަމަވުމަށްޓަކައި އޭގެކުރިން އޭނާ އެތަނަށް އުސް ގޮނޑިއެއް ގެނައެވެ. އޭނާ އެހުރީ އެ ގޮނޑިމައްޗަށް އަރައެވެ.

ކޮޓަރިތެރެއަށް ނަޒަރު ހިންގާލުމާއެކު، ސިތާރާއަށް ފެނުނީ ގަބޫލުކުރަން ދަތި މަންޒަރެކެވެ. ޒައިހާ އެނދުމަތީގައި ހިސާބަކަށް ރޮއިފައި އޮތްއިރު، އޭނާއަށް ހިތްވަރުދޭން ގާތުގައި އޮތީ ޒާހިދެއް ނޫނެވެ. އެއީ ތަފާތު މީހެކެވެ. ޢާންމު އިންސާނުންނާ އޭނާގެ ސިފަވެސް ވަރަށް ތަފާތެވެ. ބައެއްފަހަރު އެއީ އިންސާނެއް ނޫންހެންވެސް ހީވެއެވެ. ސިތާރާ ކެތްތެރިކަމާއެކު ބަލަން ހުއްޓެވެ. ކުއްލިއަކަށް އެފެނުނު މަންޒަރުން ސިތާރާ ނިކަން ބިރުގަނެއްޖެއެވެ. އޭނާ ބަލަންހުއްޓާ، އަނެއްކާވެސް ޒާހިދުގެ ސިފަ ބަދަލުވިއެވެ. އޭނާ މިހާރު އުޅޭ ސިފައަށެވެ. ޒާހިދުގެ އާދަޔާ ޚިލާފު ބާރު ފެނުމާއެކު، ސިތާރާ ދުވެފައި ކަހަލަ ގޮތަކަށް އެގެއިން ނުކުމެއްޖެއެވެ. އޭނާ ދުވެފައި ދިޔައީ، އޭނާގެ ރައްޓެއްސަކު އުޅޭ ގެއަކަށެވެ. ސިތާރާ، އޭނާގެ ރަށު މީހާއަށް އެހުރިހާ ވާހަކައެއް ކިޔައިދިނެވެ.

އެއީވެސް މާލޭގެ ގެއެއްގައި ގެންގުޅޭ މީހެކެވެ. ސިތާރާ އޭނާގެ ރަށު މީހާއަށް ރަށުބަހުން އެވާހަކަ ކިޔައިދީނީމާ، އޭނާ ރަށުމީހާ އާދެ! ޝިރިއާނީ ހުރީ އަނގައިންވެސް ބުނަން ނޭނގި، ބަސްހުއްޓި، ގަބޫލުކުރަން ދަތިވެފައެވެ.

[ތި ކިހިނެއް ގަބޫލު ކުރެވޭނެ ވާހަކައެއް. އަހަރެން ބޭނުން، އެއިން މަންޒަރެއް ލޮލުން ދެކެލަން....] ޝިރިއާނީ އޭނާގެ ރަށުބަހުން ވާހަކަ ދެއްކިއެވެ. އެވަގުތު އޭނާގެ ސާހިބު މީހާގެ އަންހެނުން ރަޙީމާ އައިސް ބަދިގެއަށް ވަނެވެ. ރަޙީމާ ވަނީމާ، ޙައިރާންވެފައި ހުރި ޝިރިއާނީ، ރަޙީމާއަށް އެވާހަކަތައް ކިޔައިދީފިއެވެ. އޭނާ ވާހަކަ ދައްކާ ގޮތަށް ދިވެހިބަހުންނެވެ. ރަޙީމާ ޖެހީ ޖޯކެވެ. ރަޙީމާވީމައެއް ނޫނެވެ. އެފަދަ މަންޒަރެއް ފެނިފައިނުވާ އެއްވެސް މީހަކު، އެފަދަ ކަމެއް ޤަބޫލެއް ނުކުރާނެއެވެ.

[ނޫނޭ ދައްތާ، ދައްތަމެން އަޅުގަނޑާއެކު އެގެއަށް ދަނީ...އޭރުން ދައްތަމެން ގަބޫލުކުރަނީ....އަޅުގަނޑު ބޭރު ބިރުގަންނަނީ....ދައްތަމެން ދަނީ....މިގޭ ފިރިހެން މީހުންވެސް ގޮވައިގެން.] ސިތާރާ ނިކަން ހާސްވެފައި ވާހަކަ ދައްކާ ގޮތަށް ކިޔައިދިނެވެ.

ސިތާރާ އެތައްވަރަކަށް އާދޭސްކުރީމާ، އެންމެފަހުން ރަޙީމާ ގަސްތުކުރީ، ކަމުގެ ތެދު ދޮގު ބަލައިލުމަށްޓަކައި އެގެޔަށް ދިޔުމަށެވެ. ނަމަވެސް، އޭނާ ގަސްތުކުރީ، ދެތިން ފިރިހެނުންވެސް ގޮވައިގެން އެގެޔަށް ދިޔުމަށެވެ.

[އަހަރެން ދާނީ ފަންޑިތަހަދާ މީހަކުވެސް ގޮވައިގެން. އެހެން ނޫނީ ނުރައްކަލެއްވެސް ދިމާވެދާނެ.] ރަޙީމާ، އެގޭގައި ހުންނަ އޭނާގެ ފިރިމީހާގެ ރައްޓެއްސެއް ކަމުގައިވާ ބަޝީރާ މަޝްވަރާ ކުރިއެވެ.

[ރަޝީދު ހޯދަމާ...ޖިންނި ފަންޑިތައަށް އެންމެ ރަނގަޅުވާނީ އޭނާ...އޭނާ ފާލު ބަލާފައިވެސް ސީދަލަށް ބުނާނެ.] ބަޝީރު ބުންޏެވެ.

[ބަޝީރު ގޮސް ރަޝީދު ގޮވައިގެން އާދޭ. އަހަރުމެން ތައްޔާރުވާނަން. އެކަމަކު އަހަރެން ކިހިނެއް، ސިތާރާގެ ވާހަކަ ގަބޫލުކުރާނީ! އޭނާ ބަލަންހުއްޓާ، ސިފަވެސް ބަދަލުވިޔޯ؟!....] އަދިވެސް ރަޙީމާއަކަށް ގަބޫލެއް ނުކުރެވެއެވެ.

ބަޝީރު ނުކުތެވެ. އޭނާ ދިޔައީ ރަޝީދު ބަލައެވެ. ރަޝީދަކީ ކޮންމެވެސް ވަރަކަށް އޭނާއާ ރައްޓެހިވެސް މީހެކެވެ. ވުމާއެކުވެސްމެއެވެ. އޭނާ ދިޔުމާއެކު، ރަޝީދު އޭނާއާއެކު އެގެޔަށް ގޮސްދޭން އެއްބަސްވެއްޖެއެވެ.

[ތިވެދާނެ ކަމެއް. އެކަމަކު އިންސާނުންގެތެރޭ އިންސާނުންނަށް ފެންނަފަށުގައި ޖިންނިއަކު އުޅުން، ތިއީ ވަރަށްނުވާ ކަމެއް. އެވެރިން ޢާންމުކޮށް މަސައްކަތް ކުރާނީ، އިންސާނާއަށް ނުފެނި، އިންސާނާގެ ކިބައިން ހިތްހަމަޖެހުން ލިބިގަންނަން. އެހެން ނަމަވެސް، ހިނގާބަލަ. ތިބުނާ ބޭރު އަންހެން މީހާއަށްވެސް ކޮންމެވެސް ވަރެއްގެ އިތުބާރެއް ކުރަންވާނެއެއްނު.] ބަޝީރާއެކު ހިނގައިގަންނަމުން ރަޝީދު ބުންޏެވެ.

ރަޝީދު ގޮވައިގެން ފުރަތަމަ ބަޝީރު ދިޔައީ ރަޙީމާ ގާތަށެވެ.

އެވެރިން ސިތާރާވެސް ގޮވައިގެން އެގެޔަށް ދާން ނައްޓާލީ، އިތުރު ދެތިން ފިރިހެނުންވެސް ގޮވައިގެންނެވެ. އޭރު އެކެއްގެ ދުލުން އަނެކެއްގެ ކަންފަތުން އަޑު ފެތުރެމުން ގޮސް، މުޅި އަވަށުތެރޭގައި އެވާހަކަ ދެކެވެން ފަށައިފިއެވެ. ވުމާއެކު، ރަޙީމާމެނަށް ޒައިހާމެން ގެޔަށް ދެވުނުތަނާހެން، އެކިދިމަދިމާއިން މީހުން އައިސް އެގޭ ދޮރުމައްޗަށް ފުނިޖެހެން ފަށައިފިއެވެ. އެއްވެސް ބަޔަކަށް އެތެރެއަށް ވަންނާކަށް ނުކެރެއެވެ. ފުރަތަމަ އެތެރެއަށް ވަނީ ރަޝީދެވެ. އޭނާގެ ފަހަތުން އޭނާއާއެކު އައި އެހެން ހުރިހާ މީހުންވެސް ވަދެއްޖެއެވެ.

ސިތާރާ އިނގިލި ދިއްކޮށް، ޒައިހާމެން އުޅޭ ކޮޓަރި ރަޝީދަށް ދައްކާލިއެވެ. ރަޝީދު ކުޑަކޮށް މަޑުޖެހިލާ ވަށައިގެން ހޯދާލިއެވެ. ފަހަތުން އައުމަށް އިޝާރާތް ކުރުމަށްފަހު، އޭނާ އެކޮޓަރިއާ ދިމާއަށް ހިނގައިގަތީ، ކޮންމެވެސް އެއްޗެހިތަކެއް ކިޔަވަމުންނެވެ. އޭގެ ކުރިން އޭނާ ރަޙީމާ ގާތު އެތެރޭގެ މާޙައުލު ރަނގަޅު ނޫން ކަމަށް ބުންޏެވެ.

[ކަލޭގެ ބޮސް ކޮބާ؟] ކުއްލިއަކަށް ހުއްޓި ސިތާރާ ގާތު ރަޝީދު އެއްސެވެ.

[ބޮސް ލަންކާގައި.] އޭރުވެސް ޒައިހާގެ ކޮޓަރިތެރޭން ކޮންމެވެސް ބައެއްގެ ހިލަންވާއަޑު އިވެއެވެ.

[ކޮޓަރީގައި ބަޔަކު އެބައުޅޭތަ؟] އަނެއްކާވެސް ރަޝީދު ހިނގައިގެންފިއެވެ. ބިރުގެންފައިހުރި ސިތާރާ ބޯޖަހާލިއެވެ.

ރަޝީދު ކޮޓަރި ދޮރުމައްޗަށް ހުއްޓި، ދޮރުގައި ޓަކިޖަހާލިއެވެ. އެއީ އެއަޑު އިވިގެން ޒާހިދުގެ ބައްޕަ ފިރުދައުސްވެސް އެގެޔަށް އައިސް ވަން ވަގުތެވެ. އޭނާގެ ދަރިފުޅާ ބެހޭގޮތުން އިވުނު އަޑުން އޭނާހުރީ ފިސާރި ހާސްވެ ކަންބޮޑުވެފައެވެ. އޭރު އެގޭދޮށަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވަމުންދާތީ ފުލުހުންވެސް މަގުމަތީގައި އައިސް ތިއްބެވެ.

[ރަޝީދު.....] ފިރުދައުސް ރަޝީދާ އަރާހަމަކޮށް ގޮވާލިއެވެ.

[ކުރީ ދުވަހެއްގައި ތަވީދެއް ލިޔުއްވަން ދިޔައިންދޯ. އެ ތަވީދު އެޅުވީމަ ކިހިނެއްތަވީ...ތަވީދު ބަލައި އަހަރެންގެ ގެޔަށް ދިޔައީ ކުޑަކުޑަ ސޮރެއް. އަހަރެން އެސޮރު ގާތު ކަންކުރަންވީގޮތް ވަރަށް ރަނގަޅަށް ކިޔާދިނިން....އަނެއްކާ މިގޭ މަންޖެގެ އުނަގަނޑުގައިތަ އެ ތަވީދު އެޅުވީ؟] ފިރުދައުސް ފެނުނީމާ، މާދުރު ނޫން ހަނދާނެއް ރަޝީދަށް އާވިއެވެ.

[ބަލަ އެ ތަވީދު އެމަންޖެގެ އުނަގަނޑުގައި އަޅުވައިދިނީ ރަޝީދު އަމިއްލައަށް އައިހެން ނޫންތަ!؟] ފިރުދައުސް ހިސާބަކަށް ޙައިރާންވިއެވެ.

[އަހަންނޭ!؟ އަހަންނެއް މިގެއަކަށް ނާންނަން. އެދުވަހު މާކުރިން ކުޑަކުޑަ ސޮރަކު ތަވީދު ބަލާދިޔައީ.....ކާކު ބުނީ އަހަންނޭ އައީ؟] ރަޝީދުވެސް ޙައިރާންވެއްޖެއެވެ.

[މީހަކު ބުނާކަށް ނުޖެހޭނެއެއްނު. އަހަރެން ހުއްޓައޭ ރަޝީދު އައީ....ރަޝީދުގެ ބުނުމަށް އަހަރެންގެ ދަރިފުޅާ އޭނަ ދެވީވެސް. އަދި މަހެއްހާ ދުވަސްވެސް ނުވޭ. އެކަމަކު ރަޝީދު ހަނދާނެއް ނެތް!؟] ފިރުދައުސް ޙައިރާންކަމާއެކު ވާހަކަ ދެއްކިއެވެ.

[ހަމަގައިމުވެސް އަހަންނެއް ނާންނަން. އަހަންނާ ވައްތަރު މީހަކަށް ވެދާނެ. ދެން އެންމެ ރަނގަޅޭ. މިއަދު ހުރިހާ ކަމެއް ސާބިތުވާނެ. ދޮރު ހުޅުވަބަލަ.....] ރަޝީދު ކޮޓަރި ދޮރުގައި ޓަކިޖަހަން ފަށައިފިއެވެ. ވެގެން އުޅޭގޮތް އޭނަގެ ޚިޔާލަށް އައީ ކަމަށްވެސް ވެދާނެއެވެ. އޭނާ ޤުރްއާނުގެ އާޔަތްތަކެއް މަޑުމަޑުން ކިޔަވަން ފަށައިފިއެވެ.

އޭރުވެސް އެކޮޓަރީގެ ދޮރެއް ނުހުޅުވައެވެ. ނަމަވެސް، އެތެރޭން ބަޔަކު ޙަރަކާތްތެރިވާ އަޑު އިވެމުންދެއެވެ. [ޒައިހާ....ދަރިފުޅާ....މި ދޮރު ހުޅުވަބަލަ.] މިފަހަރު ދޮރުގައި ޓަކިޖަހަން ފެށީ ފިރުދައުސްއެވެ.

އިސާހިތަކު އެތެރެއިން ތަންޑު ނައްޓާލި އަޑު އިވިއްޖެއެވެ. އެއާއެކުހެން ދޮރުވެސް ހުޅުވިއްޖެއެވެ. ދޮރުމަތީގައި ހުރީ ޒައިހާއެވެ. ވަގުތުން ރަޝީދު އެތެރެއަށް ވަނެވެ. އެއަށްފަހު، އޭނާ ކޮޓަރިތެރެ ރަނގަޅަށް ހޯދަން ފަށައިފިއެވެ.

[ޒައިހާގެ ފިރިމީހާ ކޮބާ؟] ފާޚާނާވެސް ބަލައިލުމަށްފަހު ރަޝީދު ޒައިހާ ގާތު އެއްސެވެ.

[ގެޔަކު ނޫޅެ....ކިހިނެއްވީ؟] ޒައިހާ އެއްވެސް ކަމެއް ނޭނގޭ މީހަކު ފަދައިން އެއްސެވެ.

[ކޮންތާކަށް ދިޔައީ؟] ރަޝީދުގެ ސުވާލުތަކެއް ހުހެއްނުވެއެވެ.

[ނޭނގެ ދިޔަތަނެއް. ކީއްކުރަންތަ ޒާހިދު ހޯދަނީ؟] ޒައިހާ ރަޝީދުގެ މޫނަށް ބަލަން ހުރެފައި އެހިއެވެ.

[އެންމެ ރަނގަޅު.....ޒައިހާގެ އުނަގަނޑުގައި އަޅުވާފައިވާ ތަވީދު އަހަންނަށް ދައްކަފާނަންތަ؟ އަހަރެން ބޭނުން އެ ބަދަލުކުރަން....] ރަޝީދު ކޮޓަރި ވަށައިގެން ހޯދަމުން ވާހަކަ ދައްކަމުން ގެންދިޔައެވެ.

[ތަވީދު ބަދަލުކުރަނީ ކީއްކުރަން. އެއީ އަހަރެންގެ މަންމައާއި ބައްޕަ އަޅުވާފައިވާ ތަވީދެއް. އަހަރެން ބޭނުމެއް ނޫން ބަދަލުކުރާކަށް. މަންމަމެން ރުޅިއަންނާނެ. އެހެން ނޫނަސް، މި ތަވީދު އެޅުވިފަހުން އަހަންނަށް ނުލާހިކު ފަސޭހަ. ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއްވެސް ލިބޭ....] ޒައިހާ ބުންޏެވެ.

[އަހަރެން އެ ބަލައިލާފައި ޒައިހާއަށް ދީފާނަމޭ.] ރަޝީދު ކުރެއް ނުކުރެއެވެ.

[އެކަމަކުވެސް ވަރިހަމަ. އެ ނުވެސް ދެއްކޭނެ. ކަލޭމެން ތިއުޅެނީ، އަހަރެންގެ ފިރިމީހާ އަހަންނާ ދުރުކުރުވަން. ޒާހިދާ ވަކިވާކަށް އަހަރެން ބޭނުމެއް ނޫން. ކަލޭމެން މިތަނުންދޭ. ތިހިރަ ސިތާރާ ކުޓުވީދޯ. ކަލޭވެސް މިގެއިން ނުކުމޭ.....] ކުއްލިއަކަށް ޒައިހާގެ އަމިއްލަ ދުލުން ބޭޒާރު ވެއްޖެއެވެ. އެއާއެކު ބުނެވުނީ ކީކޭކަން އޭނާއަށްވެސް ވިސްނުނީކަންނޭނގެއެވެ. އޭނާ އިސްޖަހާލިއެވެ.

[މާނައަކީ ޒައިހާގެ ފިރިމީހާއަކީ އިންސާނެއް ނޫނޭދޯ؟ ޒައިހާ ނުބުންޏަސް އަހަންނަށް ހުރިހާ ކަމެއްވެސް އެނގޭ. މިފަހަރު އޭނާ ޒައިހާ ދޫކޮށްނުލައިފިއްޔާ، އަހަރެންގެ ހުރިހާ ބާރެއް ދައްކާނަން...އޭތީގެ ދުވަސް ދުއްވާލާނަން.] ހަރުކަށި ރާގެއްގައި ރަޝީދު ބުނެލިއެވެ.

ރަޝީދުގެ އެ ޖުމްލައިން އެތާނގައި ތިބި ހުރިހާ މީހުންގެ މޫނުމަތިންވެސް ބިރުވެރިކަމާއި ނުތަނަވަސްކަން ފާޅުވެއްޖެއެވެ. އެންމެބޮޑު ހާސްކަމެއް ވެރިވީ ފިރުދައުސްގެ މޫނުމައްޗަށެވެ.

[ރަޝީދު ތިބުނަނީ އަހަރެންގެ ދަރިފުޅު ޒާހިދަކީ އިންސާނެއް ނޫނޭތަ؟] އެ ހާސްކަންމަތީ ހުރެ ފިރުދައުސް އެއްސެވެ.

[މިހާރު މިގޭގައި މިމަންޖެގެ ފިރިއެއްގެ މަގާމުގައި އުޅެނީ ކަލޭގެ ދަރިފުޅެއް ނޫން. ކަލޭގެ ދަރިފުޅު ވީތަނެއްވެސް މިމަންޖެއަށް އެނގޭނެ.] ރަޝީދު ބަލައިލީ ޒައިހާގެ މޫނަށެވެ. ޒައިހާހުރީ އިސްޖަހާލައިގެންނެވެ.

[ކީކޭ!؟ ނުވާނެ ތިހެނެއް. ރަޝީދު ތިދައްކަނީ ކޮންކަހަލަ ވާހަކަތަކެއް.] ފިރުދައުސަށް ގަބޫލުކުރަން ދަތިވިއެވެ.

[ގަބޫލެއް ނުކުރެވޭނެ. އެކަމަކު ބުނަން، މިއީ ރަނގަޅަށް ޖިންނި އަވަލާފައިވާ މަންޖެއެއް. ކަލޭގެ ދަރިފުޅު ވީތަނެއް މި މަންޖެ ގާތު އަހާ....] ރަޝީދު ޔަޤީންކަމާއެކު ބުންޏެވެ.

[ޒައިހާ އަވަހަށް ޖަވާބުދީބަލަ. ކޮބައިތަ ޒާހިދު؟] ފިރުދައުސްގެ ހިތް އަވަސްވިއެވެ.

[ނޭނގެ އަހަންނަކަށް މިވަގުތު އޭނަ ގެޔަކު ނޫޅޭ.....ކީއްކުރަންތަ އެންމެން މިގޭދޮށަށް އެއްވެގެން ތިއުޅެނީ....އަހަރެމެން ދެމަފިރިންގެ ދެމެދަށް އެއްވެސް ބަޔަކު ވަދެގެން ނުވާނެ. ހުރިހާ ނުބައެއް ރާވަނީ މިމީހާއޭ....އަހަރެންގެ ކުރިމަތިންދޭ....] ޒައިހާ ރުޅިބޭލީ ރަޝީދަށެވެ. ރަޝީދު ބޯހޫރާލިއެވެ. އޭނާއަށް ހުރިހާ ކަމެއް ޔަޤީންވީފަދައެވެ.

[އާނ، ހުރިހާ ކަމެއް އެނގުނީ އަހަންނަށްވިއްޔަ. ހަމަގައިމުވެސް އަހަރެން މިގެއިން ނުނުކުންނާނަން، ފިރުދައުސްގެ ދަރިފުޅު ޒާހިދު ވީތަނެއް ބުނެދިނީމާ ނޫނީ. އަހަރެން ފޮނުވާލަން ބޭނުމިއްޔާ އަވަހަށް ބުނޭ....މިހިރަ ބޭރު އަންހެން މީހާއަށް މިގޭތެރެއިން މިއަދު ފެނުނީ ޙަޤީޤަތްތަ؟ މިބުނީ މި އަންހެންމީހާ މިދައްކަނީ ތެދު ވާހަކައެއްހޭ؟] ރަޝީދު ކޮޓަރިތެރޭ ހުރި ގޮނޑިއެއްގައި ހަމަޖެހިލައިގެން އިށީނދެއްޖެއެވެ.

[އެއްވެސް ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއް ނޫން. ކަލޭމެން މިގެއިން ނުނުކުންނަންޏާ، އަހަރެން ނުކުމެގެން ހިނގައިދާނަން.....ކަލޭމެން ތިބޭ....] ޒައިހާ އުޅުނީ ނުކުމެގެން ހިނގައިގަންނާށެވެ. ނަމަވެސް ރަޝީދު މާހުޝިޔާރެވެ. އޭނާ ވަގުތުން ޒައިހާ ހިފަހައްޓައިފިއެވެ.

[އަހަރެންގެ ގައިން ދޫކުރޭ......ބީކާލް...ބީކާލް....އަހަރެން ސަލާމަތްކުރޭ....އަހަރެން ބޭނުމީ ބީކާލާއެކު ދާން....] ޒައިހާ ރަޝީދު ފޮޅުވާލަން މަސައްކަތް ކުރަމުން، ބޭއިޚްތިޔާރުގައި ބީކާލަށް ގޮވައިވެސްފިއެވެ. ވުމާއެކު، ރަޝީދުގެ ވާހަކަތަކަށް އެންމެނަށްވެސް ޔަޤީންކަން ލިބިއްޖެއެވެ.

[މިހާރު އަމިއްލަ ދުލުން ތިޔަ ބޭޒާރުވީ....ތިޔަބުނާ ބީކާލަކަށް ދެނެއް ޒައިހާއާ ގާތެއް ނުވެވޭނެ....އަހަރެން ބީކާލްގެ ދުވަސް ދުއްވާލާނަން...] ރަޝީދު ކުރިއަށްވުރެންވެސް ބާރަށް ޒައިހާގެ އަތުގައި ހިފެހެއްޓިއެވެ.

[ދޫކުރޭ....އަހަރެން ދޫކުރޭ....] ޒައިހާ ރޯން ފަށައިފިއެވެ. އޭރު އެތާނގައި ތިބި އެންމެންވެސް ބޭނުންވަނީ ޒާހިދު ވީތަނެއްގެ މަޢްލޫމާތެވެ. ވުމާއެކުވެސްމެއެވެ. ފުލުހުންވެސް ދެތިންފަހަރު ޒައިހާ ގާތު ޒާހިދު ކޮބައިހޭ އަހައިފިއެވެ. ނަމަވެސް އޭނާ ޖަވާބެއް ނުދެއެވެ.

[ޒާހިދު ވީތަނެއް ނުބުނަންޏާ...ޒައިހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހިދާނެ. އެހެންނޫނީ ހަމަ މިހާރު ބުނޭ، ޒާހިދު ކޮބާ؟] ލާންސް ކޯޕްރަލް އިރުޝާދު ޒައިހާ ގާތު އެއްސެވެ.

[ކިހާ ދެރަކަމެއް...ބުނެފީމެއް ނޫންތަ، އަހަންނަކަށް ނޭނގެއޭ، ނޭނގެއޭ....ކަލޭމެން އޭނަ އުޅޭ ތަނެއް ހޯދަންވީނު....] އޭރުވެސް ޒައިހާ ރަޝީދާއި ފިރުދައުސްގެ އަތުން ވީއްލިގަންނަން މަސައްކަތް ކުރަމުން ދަނީއެވެ.

[ރަޝީދު، އަހަރެމެން ބޭނުން ޒައިހާ ގެންދަން....އަހަރެމެންނާއެކު ތަޙުޤީޤު ނިމެންދެން ރަޝީދުވެސް ހުންނަވަންވާނެ.....] ލާންސް ކޯޕްރަލް އިރުޝާދު ބުންޏެވެ. ޒައިހާ ރުޅިވެރި ފާޑަކަށް އިރުޝާދާ ދިމާއަށް ކަޅިއަޅާލިއެވެ. އެހިނދު ކުއްލިއަކަށް އެތަނަށް އެފާޅުވީ ބީކާލެވެ. އޭނާހުރީ ޒާހިދުގެ ސިފައިގައެވެ.

[ކަލޭ....؟ އަހަރެން ކަލޭގެ ކިބައިން މިމަންޖެ ސަލާމަތް ކުރާނަން. ކަލެއަށް އަހަރެންގެ ކިބައިން ސަލާމަތެއްނުވެވޭނެ. ފުރަތަމަ ބުނޭ، ޒާހިދު ކޮބާ؟ ޒާހިދަށް ކިހިނެއް ހަދާފަތަ، ކަލޭ އޭނާގެ ސިފައިގައި ތިއުޅެނީ....] ރަޝީދު ނިކަން ހަރުކަށި ރާގެއްގައި ބުންޏެވެ.

[އަހަރެން ޒާހިދު މަރާލައިފިން.....] ޖިންނި އިސްޖަހާލިއެވެ.

[ޒާހިދު މަރާލީއޭ....ކާކުތީ....] ފިރުދައުސްއަކަށް ހިމޭނަކުން ނުހުރެވުނެވެ. އޭނާ އުޅުނީ ޒާހިދުގެ ސިފައިގައި ހުރި ޖިންނި، އާދެ! ބީކާލްގެ ކަރުގައި ހިފާށެވެ. ނަމަވެސް، އެވަގުތު އެތަނުގައި ތިބި މީހުންތަކުގެ ތެރެއިން ބަޔަކު އޭނާ ހިފެހެއްޓިއެވެ.

[އަހަންނަކީ...ޒައިހާގެ ފިރިމީހާ ބީކާލް....ޒައިހާ އަހަރެންދެކެ ނުލާހިކު ލޯބިވޭ. އަހަރެންވެސް ޒައިހާދެކެ އެހާ ލޯބިވާއިރު، ކީއްވެތަ ކަލޭމެން އަހަރެމެންގެ ގުޅުމަށް ހުރަސްއަޅަނީ؟] ބީކާލް ވާހަކަ ދެއްކީ ކޮންމެވެސްވަރަކަށް ދެރަވެފައިވާފަދަ އަސަރެއްގައެވެ.

އޭރު އެގޭދޮށަށް، ރާއްޖޭގައި ނެރޭ ބައެއް ދުވަހު ނޫސްތަކާއި ހަފްތާ މަޖައްލާތަކުގެ ލިޔުންތެރިންވެސް އައިސް ތިއްބެވެ. އޭގެތެރޭގައި، ރާއްޖޭގައި ފަހަކަށްއައިސް، އެންމެ ވިޔަފާރި ރަނގަޅު އެއް މަޖައްލާ ފިޔެސްގެ ޑެޕިއުޓީ އެޑިޓަރ މުޙަންމަދު ޝަފީޤުވެސް ހުއްޓެވެ. އަދި އެނޫންވެސް މަޖައްލާގެ އެހެނިހެން އިސްވެރިންވެސް ތިއްބެވެ.

ބައެއް ނޫސް ރިޕޯޓަރުން އަރިއަރިއަށް ޖެހިލާ، ޒައިހާމެންގެ ފޮޓޯ ނެގޭތޯ މަސައްކަތް ކުރަމުންދަނީއެވެ.


ކިޔުންތެރިންގެ ހިޔާލު


39

ނަހުލާ

07-Jun-2020

ކީއްވެ ވާހަކަ ނުގެނެސް ދެނީ.. މިދެން ކިހާ ދެރަކަމެއް... ބަޔަކު އިންތިޒާރުގަ ބެހެއްޓުން އެއީ މާސަޅިކަމެއްނޫން...


27

ލާލަ

07-Jun-2020

އަޅެ ކީވެއް ރޭވިލޭރޭ ގެ އެޕިސޯޑު ނާންނަނީ މިހާރު!!!


4

ލާލަ

07-Jun-2020

އަޅެ ކީވެއް ރޭވިލޭރޭ ގެ އެޕިސޯޑު ނާންނަނީ މިހާރު!!!


-6

ލާލަ

07-Jun-2020

އަޅެ ކީވެއް ރޭވިލޭރޭ ގެ އެޕިސޯޑު ނާންނަނީ މިހާރު!!!


18

ލާލަ

07-Jun-2020

އަޅެ ކީވެއް ރޭވިލޭރޭ ގެ އެޕިސޯޑު ނާންނަނީ މިހާރު!!!


10

ލާލަ

07-Jun-2020

އަޅެ ކީވެއް ރޭވިލޭރޭ ގެ އެޕިސޯޑު ނާންނަނީ މިހާރު!!!


1

ލާލަ

07-Jun-2020

އަޅެ ކީވެއް ރޭވިލޭރޭ ގެ އެޕިސޯޑު ނާންނަނީ މިހާރު!!!


11

ލާލަ

07-Jun-2020

އަޅެ ކީވެއް ރޭވިލޭރޭ ގެ އެޕިސޯޑު ނާންނަނީ މިހާރު!!!


-4

ލާލަ

07-Jun-2020

އަޅެ ކީވެއް ރޭވިލޭރޭ ގެ އެޕިސޯޑު ނާންނަނީ މިހާރު!!!


8

ލާލަ

07-Jun-2020

އަޅެ ކީވެއް ރޭވިލޭރޭ ގެ އެޕިސޯޑު ނާންނަނީ މިހާރު!!!


-3

ލާލަ

07-Jun-2020

އަޅެ ކީވެއް ރޭވިލޭރޭ ގެ އެޕިސޯޑު ނާންނަނީ މިހާރު!!!



ޓްރެންޑިން