ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ބޭނުންކުރަން ފަށާނެކަމަށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ތޯހާ ވިދާޅުވެއްޖެއެވެ.

ތޯހާ މިހެން ވިދާޅުވީ އެމްއޭސީއެލްގެ 56 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެއަރޕޯޓުގައި މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތޯހާ ވަނީ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވައި، ހާއްސަ ގޮތެއްގައި ކޯވިޑް ތެރޭގައި މުވައްޒަފުން ދެއްކެވި ހިތްވަރަށް ސާބަސް ދެއްވާފައެވެ.

ތޯހާ ދެއްކެވި ވާހަކައިގައި މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ ދުނިޔެގެ އެންމެ ބޮޑު ސީ ޕްލޭން ޓަރމިނަލް އޮޕަރޭޓްކުރަން ފަށާނޭކަން ފާހަގަކުރެއްވިއެވެ. އަދި 3 ވަނަ ކުއާޓަރުގައި އެއަރޕޯޓުގެ އައު ރަންވޭ ބޭނުންކުރަން ފަށާނެކަންވެސް ތޯހާ ވިދާޅުވިއެވެ.



ތޯހާ ވިދާޅުވީ އައު ވީއައިޕީ ޓަރމިނަލްގެ ފުރަތަމަ ފޭސް ހުޅުވާފައިވާއިރު، ދެވަނަ ފޭސްގެ މަސައްކަތްކުރިއަށްދާކަމަށެވެ. އަދި އައު ރަންވޭ ވަގުތީގޮތުން ޕާކިންގއަށް ބޭނުންކުރަން ފެށުމުން ލިބެން ފެށި ފައިދާތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން މިއަހަރުގެ ތެރޭގައި ފިއުލް ފާމާއި ކާގޯ ޓަރމިނަލްވެސް ބޭނުންކުރަން ފެށޭނޭކަން ތޯހާގެ ވާހަކައިގައި ވިދާޅުވިއެވެ.

ތޯހާގެ ވާހަކައިގައި އެއަރޕޯޓުގެ ތަރައްޤީއަށް ހިންގާ މަސައްކަތްތަކަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނޭ މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ.

100 ޕަސަންޓް ދިވެހި ސަރުކާރުގެ ހިއްސާ އޮންނަ އެމްއޭސީއެލުން ހިނގާ ރާއްޖޭގެ މައި އެއާޕޯރޓަކީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ބޮޑެތި މެޝިނަރީޒްތަކެއް ނެތި ދިވެހިންގެ އަތުން ބިނާކުރި އެއަރޕޯޓެކެވެ. އަދި އޭގެފަހުން އެއަރޕޯޓްގެ ތަރައްޤީއަށް އެންމެ ބޮޑު މަޝްރޫއެއް ފެއްޓެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ މަޝްރޫޢުގެ ދަށުން އެއަރޕޯޓަށް ވަނީ އިންޤިލާބީ ބަދަލުތަކެއް ގެނެސްފައެވެ.



ކިޔުންތެރިންގެ ހިޔާލު