މާލެ ސަރަޙައްދުގެ ރައްޔިތުން ދަތުރުދިއުމަށް ސަރުކާރުން ތަރައްޤީކުރާ ކުޑަގިރި ފަޅު ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ކުޑަގިރި ފަޅު ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށް އެމަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ހިއްކާފައިވާ ސަރަހައްދު ޙިމާޔަތް ކުރުމަށް ކުރިއަށްގެންދާ ބޮޑު ހިލަ ޖެހުމުގެ މަސައްކަތްކަމަށެވެ. އަދި އެމަސައްކަތްތައްވެސް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން މިހާރު ދަނީ ޕިކްނިކް އައިލެންޑްގެ ފެސިލިޓީތައް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި މި ރަށް ތަރައްޤީކުރާނީ ކުރިން މާލެ ސަރަޙައްދުގައި ދަތުރު ދިއުމަށް ބޭނުންކުރި ކުޑަބަނޑޮސް އޮތް ގޮތަށްކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ޕިކްނިކް އައިލެންޑްގައި ދުވަހު ކުއްޔަށް ދޫކުރާ ފެމިލީ ކޮޓަރިތަކާއި، ފާޚާނާ ބަރިއާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންނާއި، ހަޓް ތަކާއި ބާބަކިއު އޭރިއާތައްވެސް ހުންނާނެއެވެ. މީގެއިތުރުން މޫދަށް އެރޭ މީހުން ބޭނުންކުރުމަށް ޗޭންޖިންގ ރޫމާއި، ލޮކަރާއި އަދި ނަރސިންގް ރޫމް އަދި ނަމާދު ކޮޓަރީގެ އިތުރުން ކުޑަގިރި ތަރައްޤީކުރަނީ އިވެންޓްތައް ބޭއްވޭނެ ޖާގައާއިވެސް އެކުގައިކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކުޑަގިރި ފަޅަކީ މާލެއާއި 10.5 ކިލޯ މީޓަރު ދުރުގައި އޮންނަ ރަށަކަށްވާއިރު، އެ ރަށަށް ލޯންޗުގައި 15 މިނެޓުން ދެވޭނެއެވެ.

ކުޑަގިރި ފަޅު ހިއްކާ ތަރައްޤީކުރުމުގެ މަސައްކަތަކީ، މާލެ ކައިރިން ދަތުރު ދާނެ ރަށެއް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވެވަޑައިގެންނެވި ރިޔާސީ ވަޢުދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.



ކިޔުންތެރިންގެ ހިޔާލު


1

ދުރުމި

15-Apr-2022

މާލެ މާލެ މާލެ. ގައުމީ ބަލާއެއް