ސީރިއާއިން ރާއްޖެ ގެނައި ދިވެހި އާއިލާ ދޫކޮށްލަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފި އެވެ.

އުމަރު މިހެން ވިދާޅުވީ ރާއްޖެ ގެނައި އެ އާއިލާ އިތުރު 8 މަސް ދުވަހަށް ކ. ހިންމަފުށީގައި ހުންނަ ރީއިންޓެގްރޭޝަން ސެންޓަރުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމާއި ގުޅިގެންނެެވެ. މިދިޔަ މަހުގެ 11 ވަނަ ދުވަހު ރާއްޖެ ގެނައި އެ އާއިލާގައި ހިމެނެނީ 33 އަހަރުގެ އަންހެނަކާއި 18 އަހަރުން ދަށުގެ ހަތަރު ކުދިންނެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ތުއްތު ހަތަރު ކުދިންނާއި އެކުދިންގެ މައިމީހާ ކުށެއް ސާބިތު ނުކޮށް 8 މަހަށް ހައްޔަރު ކުރުމަކީ ބޮޑު ނާއިންސާފެއް ކަމަށެވެ. އަދި އެ ކުދިންގެ މަންމަ އަކީ ހަތިޔާރެއް އުފުލި މީހަކަށް ނުވާނެ ކަމަށްވެސް އުމަރު ވިދާޅުވެފައިވެއެވެ.

"ހުޅަނގު ރުއްސުމަށް ކަންތައް ކުރީމަ އިންސާނީ ޙައްޤުތަކާ، ކުޑަކުދިންގެ ޙައްޤު ތަކެއް ނޯވޭ. ހަމަ މިހާރުން މިހާރަށް ދޫކޮށްލައްވާ،" އަންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވި އެވެ.

ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އަންހެންމީހާ ކުރިން އުޅެފައި ވަނީ ސީރިޔާގެ އިދްލިބްގައެެވެ. އަދި އެ ސަރަހައްދުން އެ މީހުން ތުރުކީއަށް ގޮސް، އެގައުމުން ރާއްޖެ އައިސްފައިވާ ކަމަށް ކޯޓުގައި އެ އަންހެންމީހާ ވަނީ ބުނެފައެވެ. އެ އާއިލާގެ މެންބަރުން ބަންދުކުރުމާ މެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ކޯޓުގައި އަންހެން މީހާ ވެސް ބުނެފައިވެއެވެ.

އެ އާއިލާ ބަންދުގައި ބައިތިއްބަން ކުރިން ކަނޑައެޅި މުއްދަތު އިއްޔެއަށް ހަމަވާތީ އެކަމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ހިންމަފުށީގައި ހުންނަ ރީއިންޓެގްރޭޝަން ސެންޓަރުގައި އިތުރު އަށް މަހަށް ބައިތިއްބައިގެން ފަރުވާގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ކޯޓުން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު