ކޫއްޑޫ ފަޅުގައި ހުރި ހުރިހާ ދޯންޏެއްގެ ހުރިހާ މަހެއް ކިރަން ސަރުކާރުން މިރޭ ނިންމައިފި އެވެ.

ސަރުކާރުން މީގެ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެކުނުގެ މަސްވެރިކަން ރަނގަޅު މި ދުވަސްވަރު މަސްނުކިރިގެން މަސްވެރިންގެ ހުރި ޝަކުވާތައް އަޑުއެހުމަށްފަހު ސަރުކާރާއި މިފްކޯގެ މަޝްވަރާގެމަތިން މަސްވެރިންގެ ދަތިތަކަށް ޙައްލު ހޯދުމަށްފަހު އަލުން މަސްކިރަން ފަށާފައިވާ ކަމަށެވެ.

މިގޮތުން މަސްވެރިންނަށް އެއްބަސްވެވޭ ފަދަ ގޮތަކަށް ސަރުކާރުން އެކަން ކުރިއަށް ގެންދާނެ ޕްލޭނެއް ހަދާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި މަސްވެރިންނަށް ކިއު އޯޑަރެއް ހަމަޖައްސައި އެ އޯޑަރާ އެއްގޮތައް މަސްކިރޭނެ އިންތިޒާމްތައް ކޫއްޑޫގައި ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެެވެ.

ސަރުކާރުން ބުނީ މި ޕްލޭންގެ ދަށުން މަސްކިރޭނެ ތަރުތީބާއި ދުވަސް އެ މަސްވެރިންނަށް އަންގާފައިވާ ކަމަށެެވެ. މިވަގުތު ކޫއްޑޫ ފަޅުގައި ހުރި ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަސްކިރޭނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

މިދިޔަ ހަފްތާގައި މަސްވެރިކަން ރަނގަޅުވެ ކޫއްޑޫގެ ކެޕޭސިޓީއަށްވުރެ ގިނައިން މަސްބާނަމުން ދިއުމާއި ގުޅިގެން މިފްކޯއިންވަނީ މަސްކިރުން ކޮންމެ ދޯންޏަކަށް ދުވާލަކު 5 ޓަނަށް ލިމިޓް ކޮށްފައެވެ. އެކަމާ ގުޅިގެން ކޫއްޑޫގައި މަސްވެރިން މިއަދު އިހުތިޖާޖް ކުރަމުންދާތީ ކޫއްޑޫގެ އޮޕަރޭޝަން ވަނީ ހުއްޓިފައެވެެ.

ސަރުކާރުން މިހާރު ވަނީ މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގަނެ ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯރ ކުރެވޭ ބޯޓަކާއި މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް ރާއްޖެ ގެނެސްފައެވެ.

މީގެ އިތުރުން މަސްގަަތުމުގައި ދިމާވާ މައްސަލައަށް ހައްލެއް ހޯދުމަށް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުުރުމުގެ ގޮތުން ފެލިވަރު ކޯލްޑް ސްޓޯރޭޖް 500 މެޓްރިކް ޓަނަށް ބަދަލުކޮށްފައިވާ ކަމަށާ އަދި މިހާރު ކުރިއަށްދާ މަސައްކަތް ނިމުމުން ކެޕޭސިޓީ 8 ގުނަ އިތުރުވާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އެ ގޮތުން 4،000 މެޓްރިކް ޓަނަށް އާ ކޯލްޑް ސްޓޭރޭޖް ބަދަލުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. މީގެ އިތުރުން ކޫއްޑޫގައި މިހާރު ގާއިމުކޮށްފައިވަނީ 2000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ނަމަވެސް މިހާރު ކުރިއަށްދާ މަޝްރޫއު ނިމުމުން އިތުރު 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމު ކުރެވިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

އަދި ކަނޑުއޮތްގިރީގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ގދ ތިނަދޫގައި 1،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އަދި މ. މުލަކުގައި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމު ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު