"އެސްޖެހި ގަނޑުވަރު" ހުޅުމާލޭ ދެވަނަ ފިޔަވަށްސަށް ބަދަލުކުރުމުގެ މަސައްކަތް އެޗް.ޑީ.ސީން ފަށައިފިއެވެ.

އެސްޖެހި ގަނޑުވަރަކީ ރާއްޖޭގައި އާސާރީ އަދި ވަޑާމުގެ ފަންނުވެރިކަން އެންމެ ފުރިހަމައަށް ފެންނަންހުރި އެއް ޢިމާރާތެވެ. އަދި މިއީ މާލޭގައި ހުރި އެންމެ ޒަމާންވީ އެއް އިމާރާތްވެސްމެއެވެ.

މާލޭގެ ހިތަށްފިނިވާމަގުގައި ހުންނަ އެސްޖެހި ގަނޑުވަރު ބަދަލުކުރުމަށް ނިންމާފައިވަނީ ކުރިން ފަރުކޮޅުފުށި ހިންގި ތަނުގައި ތަރައްޤީކުރާ "ހެރިޓޭޖް ޑިސްޓްރިކްޓް" އަށެވެ.

މިގަނޑުވަރުގެ ބައިތައް ރޫޅާލުމަށްފަހު ހެރިޓޭޖް ޑިސްޓްރިކްޓުގައި ރޭވުމަށްޓަކާ، ގަނޑުވަރު ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ސައިޓްވަކިކޮށް، ފައުންޑޭޝަންގެ މަސައްކަތްތައް އެޗް.ޑީ.ސީން މިހާރު އަންނަނީ ކުރަމުންނެވެ.



އެސްޖެހި ގަނޑުވަރު ނުވަތަ އެސްޖެހިގެއަކީ އެސްޖެހި ގަނޑުވަރު މާފަތް ކިލޭގެފާނުގެ ގަނޑުވަރުކަމުގައި ބުނެވެއެވެ. އެސްޖެހި ގަނޑުވަރު މާފަތް ކިލޭގެފާނަކީ ސުލްތާން އިމާދުއްދީން 6 ގެ ރަސްކަމުގައި އުޅުއްވި އޭރުގެ މަޝްހޫރު ބޭފުޅެކެވެ. މިގަނޑުވަރު ބިނާކޮށްފައިވާ ސަރަހައްދަކީ ތާރީޚީގޮތުން މާލޭގެ މުހިއްމު ގިނަ ބިނާތަކެއްވެސް ހުރި ސަރަޙައްދެކެވެ.

ރާއްޖޭގެ ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި އެސްޖެހި ގަނޑުވަރު ބިނާކުރެވުނީ 19 ވަނަ ޤަރުނުގެ މެދުތެރޭގައެވެ. މި ގަނޑުވަރު ބިނާކުރުމުގައި ބޭނުންކޮށްފައި ހުރީ އެ ޒަމާނުގައި ލިބެންހުރި އެންމެ މޮޅު ލަކުޑިއެވެ.

އެޗް.ޑީ.ސީން ބުނީ އެސްޖެހި ގަނޑުވަރު އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ ފަންނުވެރިންގެ ޚިޔާލުތައް ފޯރުކޮށްދޭ ގެލަރީއެއްގެ ގޮތުގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު