2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހު ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި ސަރަހައްދުން ފެނުނު ވަޅިން، އެ މައްސަލާގައި ދައުވާލިބޭ އަދުހަމް މުޙައްމަދުގެ ޑީއެންއޭ ފެނިފައިވާކަމަށް ފުލުހުން ކޯޓުގައި ބުނެފިއެވެ.

ޢުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެރޭ ޓެކްސީ ދަތުރެެއް ކޮށްދެނިކޮށް ހުޅުމާލޭގައި އޭނާއަށް ދިން ޙަމަލާއެއްގައެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ އަދުހަމު ހައްޔަރުކޮށްފައިވަނީ، އޭގެ ދެ ހަފްތާ ފަހުންނެވެ.

މި މައްސަލާގައި ދައުވާ ލިބޭ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުޙައްމަދު ވަނީ ތަހުގީގު މަރުހަލާއިން ފެށިގެން ކުށަށް ޢިއުތިރާފުވެފައެވެ. ނަމަވެސް އެމަރަކީ އޭނާ ގަސްދުގައި ކުރިކަމެއް ނޫންކަމަށް ބުނެފައިވުމުގެ ސަބަބުން ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ކޯޓުގައި ދަނީ ނަގަމުންނެވެ.

މިއަދު އޮތް އަޑުއެހުމުގައި ޑީއެންއޭ ތަހުލީލްކުރި ފުލުހުންގެ މީހާ ހެކިބަސް ދެމުން ބުނީ، ހާދިސާ ހިނގި ސަރަހައްދުން ހޯދި ވަޅީގެ ތިލައިން ޤާސިމް ޙަސަންއާއި، އަދުހަމާއި އިތުރު ކާކުކަން ނޭނގޭ ތިން މީހެއްގެ ޑީއެންއޭ ފެނިފައިވާކަމަށެވެ. މިގޮތުން އަދުހަމްގެ ޑީއެންއޭ ދިމާވީ، މީގެ ކުރިން އެހެން މައްސަލައެއްގައި އޭނާ ހައްޔަރުކޮށް ނަގާފައިވާ ޑީއެންއޭއާއި ދިމާވޭތޯ ބަލައިގެންކަމަށް ހެކި ބަސް ދިން ފުލުސް މީހާ ބުންޏެވެ. ވަޅީގެ އިތުރުން ޤާސިމް ޙަސަން ދުއްވި ކާރުގެ ތެރެއިންވެސް އަދުހަމާއި ޤާސިމްގެ ޑީއެންއޭ ފެނިފައިވާކަމަށް އޭނާ ކޯޓުގައި ބުންޏެވެ.

މިއަދު އަޑުއެހުމުގައި ވީޑިއޯ ފޫޓޭޖުތައް ތަހުލީލްކުރި ފުލުސް މީހާ ހެކިބަސް ދެމުން ބުނީ، ޤާސިމަށް ހަމާލާ ދިން ދުވަހު މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުގައި އަދުހަމް ހަރަކާތްތެރިވާ މަންޒަރު ފެންނަކަމަށެވެ.

ކުރިއަށް އޮތް އަޑުއެހުމުގައިވެސް އިތުރު 3 މީހެއްގެ ހެކިބަސް ނެގުމަށް ކޯޓުން ވަނީ ތާވަލުކޮށްފައެވެ.

އަދުހަމްގެ އަމިއްލަ އިއުތިރާފާއެކު، އެ މައްސަލައިގެ ޝަރީއަތް، އަވަސް ނިޔާއާ ހަމައަށް އައިއިރު، އަވަސް ނިޔާގެ އަޑުއެހުމުގައި، އަދުހަމް ވަނީ ގާސިމް މަރާލިކަމަށް އިންކާރުކޮށްފައެވެ. އަވަސް ނިޔާގެ އަޑުއެހުުގައި އަދުހަމް ބުނީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ. އޭގެ އިތުރުން އަދުހަމް ވަނީ ދައުލަތުން ހަމަޖައްސައިދިން ވަކީލާއެކު މައްސަލައާއެކު ކުރިއަށް ދާން ބޭނުން ނުވާ ކަމަށް ބުނެފައެވެ. އޭނާ ބުނީ ދައުލަތުން އޭނާ އަށް ހަމަޖައްސައިދިން ވަކީލަކީ، އޭނާއާއި އެކު މަސައްކަތް ކުރެވޭނެ ގާބިލްކަން ހުރި ވަކީލެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި، އޭނާއާއި ބައްދަލު ނުވާތާވެސް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް މި މައްސަލާގައި އެންމެ ފަހުން އޮތް އަޑުއެހުމުގައި އަދުހަމް ބުނީ ކުށަށް އިއުތިރާފުވެ ފަހުން އެކަމަށް އިންކާރުކުރީ އޭނާ ޖަލުގައި ހުރި ގޮޅީގައި ތިބި ގައިދީން ބިރުދައްކާ މަޖުބޫރު ކުރުމުން ކަމަށާއި މިހާރު ޖަލުގައި އެކަނި ގޮޅިއެއްގައި އޮންނާތީ އެެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. އަދްހަމް ވަނީ ގާސިމްގެ ވާރިސުންގެ ކިބައިން މާއާފަށް އެދި އަދަބު ލުއިކޮށްދިނުމަށް އެދޭ ކަމަށް ވެސް ބުނެފައެވެ.

އަދުހަމް ވަނީ ގާސިމަށް ހަމަލާދީ މަރާލީ ފޭރުމުގެ ތެރޭގައި އޮޅުމަކުންކަމަށް އިއުތިރާފްގައި ބުނެފައެވެ. އަދި ހަމަލާދިން ރޭ އޭނާ ހުރީ މަސްތުގެ ހާލުގައިކަމަށްވެސް ބުނެފައެވެ. އޭނާއަކީ މީގެ ކުރިންވެސް އެފަދަ ކުށްކުށުގެ ރެކޯޑް އޮތް މީހެކެވެ.

ގާސިމަކީ އދ. މާމިގިއްޔަށް އުފަން މީހެކެެވެ. އަދި ގާސިމަކީ ޖުމްހޫރީ ޕާޓިގެ ލީޑަރ ގާސިމް އިބްރާހިމްގެ އާއިލީ މީހެއް ވެސް މެއެވެ. ގާސިމް ނިޔާވިއިރު އަންބަކާއި ފަސް ދަރިން ދުނިޔޭގައި އެބަތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.



ކިޔުންތެރިންގެ ހިޔާލު