މިއަހަރު ނިމެންވާއިރަށް ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ހުރިހާ މުވައްޒަފުން ހަމަކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން ސިއްހީ ދާއިރާއަށް ބޭނުންވާ މުވައްޒަފުން ހަމަކުރެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ސިއްހީ ދާއިރާއަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށާއި އެގޮތުން ސިއްހީ ދާއިރާއަށް ބޭނުންވާ މުވައްޒަފުންގެ ލިސްޓެއް ހޯދައި ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށް ނަސީމް ވިދާޅުވިއެެވެ.

"ފައިސާ ތަންދިން މިންވަރަކުން ކުއާޓާ ތަކަށް ބަހާލައިގެން މިކަންތައްތައް ކުރުމަށް މިހާރު އޮތީ ރާވާފައި. ފިނޭސް މިނިސްޓްރީގެ އެއްބާރުލުން ވަރަށް ބޮޑަށް އެބަލިބޭ. އިރާދަ ކުރެއްވިއްޔާ ރަނގަޅު ހައްލެއް މިކަންކަމަށް އަންނާނެ. އަޅުގަނޑު އުއްމީދު ކުރަނީ މިއަހަރު ނިމެންވާއިރަށް ހުރިހާ ތަނަކަށް މީހުން ހަމަޖެހޭނެ ކަމަށް." ނަސީމް ވިދާޅުވިއެެވެ.

މީގެ އިތުރުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ އެކި ދާއިރާތަކުން ހާއްސަ 26 ޑޮކްޓަރުން އަންނަ މަހުގެ ކުރީކޮޅު ރާއްޖެ އަންނާނެ ކަމަށެވެ. ކިއުބާއިން އަންނަ ޑޮކްޓަރުންނާއެކު ހިދުމަތްތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު