--
--
ލ. ފޮނަދޫގައި "އޯޕަން އެކްސަސް ފައިބަރ ނެޓްވޯކެއް" ގާއިމް ކުރުމުގެ ހުއްދަ ފޮނަދޫ ކައުންސިލުން ނުދީ ހިފަހައްޓާފައި ވަނީ ގަވާއިދާއި އުސޫލުން ބޭރުން ކަމަށް އެ އަތޮޅު ކައުންސިލުން ބުނެފިއެވެ.



ރާއްޖޭގެ އެކިއެކި ރަށްތަކުގައި ފައިބަރ ނެޓްވޯކް ގާއިމްކޮށް ހިދުމަތް ދެމުންދާ އަމިއްލަ ކުއްފުންޏެއް ކަމަށްވާ ފަންބޮނޑި މޯލްޑިވްސްއަށް ލާމް އަތޮޅު ކައުންސިލުން މިއަދު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ފޮނަދޫގައި ނެޓްވޯކް ގާއިމް ކުރުމަށް ފޮނަދޫ ކައުންސިލުން ހުއްދަ ނުދީ ހިފަހައްޓާފައި ވަނީ އެއްވެސް އުސޫލެއްގެ ތެރެއިން ނޫން ކަމަށެވެ.

އަތޮޅު ކައުންސިލްގެ ސެކްޓަރީ ޖެނެރަލް ޔޫސުފް އާމިރު ސޮއި ކުރައްވާފައިވާ އެސިޓީގައި، މިފަދަ ކަމެއްގައި އަމަލު ކުރާނެ އުސޫލެއް މިހާތަނަށް ފޮނަދޫ ކައުންސިލުން އެކުލަވާލައި އަމަލް ކުރަމުންވެސް ނުދާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ފަސް މިލިޔަން ރުފިޔާއަށް ވުރެ އަގު ބޮޑު އެ ޕްރޮޖެކްޓަށް ހުއްދަ ނުދިނުމަށް ނިންމައި ފޮނަދޫ ކައުންސިލުން ފަންބޮނޑި ކުންފުންޏަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ފޮނަދޫގައި މިހާރު ވެސް ތިން ފަރާތަކުން ފައިބަރ އޯޕަން އެކްސެސް ނެޓްވޯކް ގާއިމްކޮށް ހިދުމަތް ދެމުން ދާތީ އެކުންފުންޏަށް ހުއްދަ ދެވެން ނެތް ކަމަށެވެ. އެހެންނަމަވެސް އެރަށުގައި މިހާތަނަށް އެއްވެސް ފަރާތަކުން ފައިބަރ އޯޕަން އެކްސެސްނެޓްވޯކެއް ގާއިމް ކޮށްފައެއް ނުވެއެވެ.

ފަންބޮނޑިން ބުނީ ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކުގައި ބިނާކޮށްފައިވާ ފަދަ އިންފުރާސްޓްރަކްޗަރެއް ފޮނަދޫގައި ގާއިމް ކުރަން ގާނޫނާއި ގަވައިދާއި ހިލާފަށް ސިޔާސީ އަމިއްލަ މަންފާއަށް ކައުންސިލުން ހުރަސް އެޅުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

ރާއްޖޭގައި ފައިބަރ އޯޕަން އެކްސަސް ނެޓްވޯކެއް އެންމެ ފުރަތަމަ ގާއިމް ކޮށްފައިވަނީ ވެސް ފަންބޮނޑިން ތ. ވިލުފުށީގަ އެވެ. ފަންބޮނޑިން ފޮނަދޫގައި ގާއިމް ކުރުމަށް ހުށަހެޅި ނެޓްވޯކްގެ އަގު ގާތްގަނޑަކަށް ފަސް މިލިޔަން ރުފިޔާއަށް އަރަ އެވެ. މިހާރުވެސް އެކުންފުނިން ގެންދަނީ ރާއްޖޭގެ އިތުރު ހަތް ރަށެއްގައި މިފަދަ އޯޕަން އެކްސެސް ނެޓްވޯކްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފައިބަރ އޯޕަން އެކްސަސް ނެޓްވޯކަކީ ޒަމާނީ ޓެކްނޮލޮޖީއަށް ވާސިލްވުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުން ކުރާ އިންފްރާސްޓަކްޗަރ ނިޒާމެކެވެ. މިއީ އެންމެ ކަނެކްޝަނަކުން ޓެކްނޮލޮޖީގެ އެތައް ހިދުމަތްތަކެއް ލިބިދޭ ގޮތަށް ފަރުމާކޮށްފައިވާ އިންފްރާސްޓަކްޗަރ ނިޒާމެކެވެ. އަދި މިފަދަ ނެޓްވޯކެއް ގާއިމުވެފައި އޮތުމަކީ ޒަމާނީ މުވާސަލާތީ ޚިދުމަތްތައް ދޭ ފަރާތްތަކަށް ފަސޭހަކަމާއެކު ވަގުތުން ވަގުތަށް އެފަރާތްތަކުގެ ޚިދުމަތް އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. އެގޮތުން އިންޓަރނެޓާއި ކޭބަލްޓީވީއާއި ފޯނުގެ ޚިދުމަތާއި އަދި ސީސީޓީވީ ކެމެރާފަދަ މުވާސަލާތީ ޚިދުމަތްދޭ ވާދަވެރި ކުންފުނި ތަކަށް މި ނެޓްވޯކްގެ ތެރެއިން ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތްތައް ދިނުމުގައި މި ނެޓްވޯކްގެ ބޭނުން ކުރެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު