އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު
އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު
ރ. އުނގޫފާރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ލަސްވަމުން ދާތީ ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވައިފިއެވެ.

އަތޮޅުގެ ވެރިކަންކުރާ ރަށް އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކުރީ މިދިޔަ 2021 ވަނަ އަހަރުގެ ޖަނަވަރީ 31 ވަނަ ދުވަހުއެވެ. ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 240 ދުވަސްތެރޭ ނިންމާގޮތަށް، 75.3 މިލިއަން ރުފިޔާ އަށެވެ.

އެ މަޝްރޫއުގެ ދަށުން، 10 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކައި، 1150 މީޓަރުގެ ބޮޑު ހިލަ ރިވެޓްމެންޓް ޖަހައި 75 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ގާއިމުކުރަން ރާވާފައި ވީނަމަވެސް މިހާތަނަށް މި މަސައްކަތްތަކުގެ އެއްވެސް މަސައްކަތެއް ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.

މި މައްސަލާގައި މުޙައްމަދު ވަޙީދު އިއްޔެ މަޖިލީހަށް ފޮނުއްވި ނޯޓިސްގައި ވިދާޅުވެފައިވަނީ، އުނގޫފާރުގެ ބިން ހިއްކުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދެއް ކަމަށާއި ނަމަވެސް މިދިޔަ ދެ އަހަރުގެ ބަޖެޓުގައި ހިމެނި އެމްޓީސީސީއާއި ކޮންޓްރެކްޓް ކުރެވިފައި އޮވެ މާފަހުން ކޮންޓްރެކްޓް ކުރެވުނު މަޝްރޫއުތައް ފަށާއިރު އުނގޫފާރު ބިންހިއްކުމުގެ އަމަލީ މަސައްކަތް ލަސްވަނީ ކީއްވެކަން ސާފުކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ވަހީދު ފޭސްބޫކްގައި ލިޔުއްވާފައިވަނީ، ދައުލަތުގެ ބޭނުމަށް ތިންބައިކޮށްފައި އެއްބަޔަށްވުރެ ބޮޑު ބިމެއް ދޫކުރެވިފައި ވުމާއި، ރަށު ރައްޔިތުން ދިރިއުޅޭން އޮތް ބިމުގެ ސައިޒުގެ ކުޑަކަމުން، އުނގޫފާރުގެ ބިން ހިއްކައި ބޮޑުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ވަރަށް ޒަރޫރީ ކަމެއް ކަމަށެވެ.

އުނގޫފާރަކީ އަތޮޅުގެ ވެރިކަން ކުރާ ރަށްކަމަށް ވާތީ އެރަށަކީ ދައުލަތުގެ ގިނަ މުއައްސަސާތަކެއް ހުންނަ ރަށެކެވެ. އެގޮތުން އަތޮޅު ހޮސްޕިޓަލާއި ޕޮލިސް އަދި ބޭންކްގެ ހިދުމަތް ފަދަ ހިދުމަތްތަކަށް ބޮޑެތި ބިންތައް ދައުލަތުގެ ބޭނުމަށް އެ ރަށުން ދޫކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު