ރަނގަޅު ސިޔަސަތުތައް ބޭނުންކޮށްގެން ރާއްޖޭގެ ދަރަނި މެނޭޖްކުރުމަށް ވޯލްޑު ބެންކުން ސަރުކާރަށް ލަފާ ދީފިއެވެ.

ވޯލްޑް ބޭންކުން އިއްޔެ ނެރުނު މޯލްޑިވްސް ޑިިވެލޮޕްމެންޓް އަޕްޑޭޓްގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދު ކުރިއެރި ނަމަވެސް ދަރަނި ބޮޑުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ދަރަނި ރަނގަޅަށް މެނޭޖު ނުކުރެވިއްޖެނަމަ މާލީ ބުރައެއް އުފުލަންޖެހިދާނެ ކަމުގެ އިންޒާރު ވެސް ވޯލްޑް ބޭންކުން ވަނީ ދީފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ބާރަށް ކުރިއެރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އިއާދަވާ މިންވަރު މައްޗަށް ދާނެކަމަށާއި 2023 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އިގްތިސާދު ކޮވިޑުގެ ކުރިން ހުރި މިންވަރަށް ދާނެކަމަށް ލަފާކުރެވޭ ކަމަށް ވޯލްޑް ބޭންކުން ނެރުނު ރިޕޯޓްގައި ބުނެފައިވެއެވެ.

"އެހެން ނަމަވެސް މާލީ ހާލަތު ދެމެހެއްޓެނިވި މިންވަރެއްގައި ދެމެހެއްޓުމަށްޓަކައި ވަރަށް ބޮޑަށް ދަރަނި މެނޭޖުކުރުން ކޮންމެހެންވެސް މުހިއްމު." "މޯލްޑިވްސް ޑިިވެލޮޕްމެންޓް ރިޕޯޓްގައި ބުންޏެވެ.

ވޯލްޑް ބޭންކުން ބުނީ މި އަހަރު ރާއްޖޭގެ އިގްތިސާދު 7.6 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރުގަދަވާނެ ކަމަށް ލަފާކުރެވޭއިރު، އަންނަ އަހަަރު ރިއަލް ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ އަންދާޒާކޮށްފައެވެ.

ވޯލްޑް ބޭންކުން ބުނީ ޖީޑީޕީގެ ނިސްބަތުން ރާއްޖެއިން ގިނަ އަދަދަކަށް ތެޔޮ އެތެރެކުރުމާއި ރަޝިޔާއާއި ޔޫކްރެއިނުން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމާއި ދަރަނީގެ ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ސަބަބުން ރާއްޖެއަށް ނާޒުކު ހާލަތެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ހަކަތައިގެ އަގުތައް އިތުރަށް އުފުލިގެން ދިޔުމަކީ ރާއްޖެއަށް އިތުރު މާލީ ބުރައެއް އުފުލަން ޖެހިދާނެ ކަމެއް ކަމަށް ވޯލްޑް ބޭންކުގެ އެ ރިޕޯޓުގައި ފާހަަގަކޮށްފައިވެއެވެ.

ދައުލަތުގެ ދަރަނި މި އަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ލަފާކޮށްފައެވެެ.



ކިޔުންތެރިންގެ ހިޔާލު