ބޮޑެތި ބަސްތަކުގެ ޝިކާރައަކަށްވެ ދިވެހި ބަސް ނެތިދިޔަ ނުދިނުމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށް ތާރީޚާއި ޘަޤާފަތާ ބެހޭ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އެކަމަނާ، މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހާއި ގުޅިގެން ދެއްވި މެސެޖެއްގައެވެ. ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މަައުމޫން ވިދާޅުވީ، ‏ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިންގެ އަމިއްލަވަންތަކަން އެންމެ ފުރިހަމައަށް ރަމްޒުކޮށްދެނީ ދިވެހި ބަސް ކަމަށެވެ. ބޮޑެތި އާބާދީތައް ބޭނުންކުރާ ބަސްތައް، ކުދި އާބާދީތައް ބޭނުންކުރާ ބަސްތަކުގެ މައްޗަށް ގަދަވެ، އެ ބަސްތައް ކަންބޮޑުވާންޖެހޭ ފަދަ ބާރުމިނެއްގައި ނެތެމުންދާ ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވިއެެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ ‏އެެ ހަޤީޤަތާއި ކުރިމަތިލާއިރު، އެންމެ ފަސް ލައްކައެއްހާ މީހުން ބޭނުންކުރާ ދިވެހި ބަސް ރައްކާތެރިކޮށް، ބޮޑެތި ބަސްތަކުގެ ޝިކާރައަކަށްވެ ނެތިދިޔަ ނުދިނުމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށެވެ.



"‏އެގޮތުން ގޭތެރޭގައި ކުޑަ ކުދިންނާއި މުޢާމަލާތުކުރުމަށް މައިންބަފައިން ދިވެހި ބަސް އިސްކުރަން ޖެހެއެވެ. ދަރިވަރުން ސްކޫލް މާޙައުލުގައި ދިވެހި ބަހުން ވާހަކަ ދައްކާ މިންވަރު އިތުރުކުރަންޖެހެއެވެ." ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ދަރިކަނބަލުން ޔުމްނާ ވިދާޅުވިއެވެެ.

ދިވެހި ބަހުގެ އެކެޑަމީން މި އަހަރު މި ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ، "ދިވެހިން ދިވެހިންނަށް ވީ، ދިވެހިބަހުން ވާހަކަދައްކާތީއެވެ" މި ޝިއާރެވެ. ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 14 ވަނަ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު