ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވި ފަހުން ފޯމް ހުށައެޅުމުން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓްގެ ފޯމް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިއްމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެމްޑީޕީން އެ ޕާޓީގެ ކެންޑިޑޭޓްގެ ފޯމް ހުށައަޅާފައިވަނީ ސުންގަޑި ހަމަވި ފަހުން ކަމަށެވެ. އެހެން ކަމުން އެ ފޯމް ބަލައިނުގަތުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ފުއާދު ވިދާޅުވިއެެވެ. ފުއާދު ވިދާޅުވީ ވަގުތު އިތުރުކޮށް ނުދިނުމަށާއި ސުންގަޑީގެ ފަހުން ހުށައަޅާ ފޯމް ބަލައިނުގަތުމަށް ކޮމިޝަަންގެ މެންބަރުންގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ބަންދުވީ މިއަދު މެންދުރު 12 ޖެހިއިރުއެވެ. އެމްޑީޕީން ފޯމް ހުށައެޅީ އޭގެ ފަހުން ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މި އިންތިހާބުގައި ވާދަކުރާނީ އިދިކޮޅު ޕީޕީއެމާއި އެމްއެންޕީގެ ކެންޑިޑޭޓެއް ކަމަށެވެ. އެ ދެ ޕާޓީން ވަނީ ސުންގަޑީގެ ކުރީން ފޯމް ހުށައަޅާފައެވެ. އެ ދެ ކެންޑިޑޭޓުންގެ މެދުގައި ގުރު ނެގުން އޮންނާނީ ހޮނިހިރު ދުވަހުގެ މެންދުރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރި އައިމިނަތު އީމާން ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވުމުންނެވެ.

ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު