ސިވިލް ސަރވިސް މުވައްޒަފުންގެ ފެންވަރު ވަގުތުން ބެލޭނެ މޮޑިއުލެއް ތައާރަފްކޮށްފިއެވެ.

މިއީ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ހަރުދަނާކޮށް ތަރައްޤީކުރުމުގެ މަަސައްކަތުގެ ދަށުން ތައާރަފްކުރި މޮޑިއުލްއެކެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ބުނީ މިއީ ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާއާބެހޭ މައުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރާ ސީއެސްވިއުގަ އޮންލައިން ޕޯޓަލްގެ ތެރެއިން ކުރިއަށް ގެންދިއުމަށް މިދިޔަ އަހަރު ތައާރަފު ކުރި "އީ ޕާފޯމަންސް މެނޭޖްމަންޓް" މޮޑިއުލެކެވެ. އަދި ބަދަލުތަކަކާއެކު އެ މޮޑިއުލް ބޭނުންކުރަން ފަށާފައި ވަނީ މި މަހުކަމަށް ކޮމިޝަނުން ބުނެއެވެ.

މި ނިޒާމުގެ ތެރެއިން މުވައްޒަފުންނަށް ހަވާލުކުރެވޭ މަސައްކަތްތަކާއި، އަމާޒުތަކާއި، މަސައްކަތް އިވެލުއޭޓްކޮށް އަދި މަސައްކަތް ނިންމާފައިވާ ގޮތްތައް ވަގުތުން ބަލާލެވޭނެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ މި ނިޒާމުގެ ސަބަބުން މުވައްޒަފުންގެ މަސައްކަތްތައް ގާތުން ބަލައި، އިރުޝާދުދެވުމުން މުވައްޒަފުންގެ މަސައްކަތަށް ހެޔޮ ބަދަލެއް އަންނާނެކަމަށެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރުވެސް މިކަމުގެ ސަަބަބުން ރަނގަޅުވެގެންދާނެކަމަށް ކޮމިޝަނުން ދެކެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން އެންމެ ފުރަތަމަ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމެއް ތައާރަފްކުރީ 2009 ވަނަ އަހަރުއެވެ.



ކިޔުންތެރިންގެ ހިޔާލު