ތިލަފުށި ފަޅު ހިއްކައި، ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރިޔަށްގެންދަން ނިންމާފައިވާ ބޮޑު މަޝްރޫއުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ވަނީ އެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މޭ މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އެ ކުންފުންޏަށް އެކަމާ ބެހޭ ލިޔެކިޔުންތައް ހުށަހެޅުމަށް ހުޅުވާލާފައެވެ.

އެޗްޑީސީން ބުނީ ތިލަފުށީގައި ކުރިޔަށްގެންދާ މަޝްރޫއަކީ އެ ރަށުގެ 160 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ކުރިޔަށް ގެންދާ މަޝްރޫއެއްކަމަށާއި، އެ މަޝްރޫއު ނިމުމުން ތިިލަފުށީގެ ސައިޒު ދެގުނައަށް ބޮޑުވާނެކަމަށެވެ.

އެޗްޑީސީން ބުނީ މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ އިވެލުއޭޝަންގައި ގާބިލުކަމާއި މަސައްކަތަށް ހޭދަވާ މުއްދަތާއި މާލީ ގާބިލުކަމަށް ބަލާނެކަމަށެވެ. މީގެއިތުރުން އެ މަޝްރޫއު އެޗްޑީސީން ތިލަފުއްޓަށް ތައްޔާރުކޮށްފައިވާ މާސްޓާޕްލޭނާއި ގުޅޭ މިންވަރަށްވެސް އެ ކުންފުނިން ބަލާނެ ކަމަށް އެޗްޑީސީން ބުނެއެވެ.



ތިލަފުށީގައި އަލަށް ހިއްކާ ސަރަހައްދުތައް އެޗްޑީސީން ތަރައްގީކުރަނީ ޖުމްލަ ހަ ސަރަހައްދަކަށް ބަހާލައިގެންކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން މެދު ސައިޒުގެ އިންޑަސްޓްރިއަލް މަސައްކަތްކުރުމަށް ވަކި ސަރަހައްދެއް ކަނޑައަޅާނެއެވެ. އަދި ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް އެޅުމަށްވެސް އަލަށް ބިން ހިއްކާ ސަރަހައްުދުން ބޮޑު ބިމެއް ވަނީ ހާއްސަކޮށްފައެވެ. އޭގެ އިތުރުން ވެސް އެކި މަސައްކަތްތަކަށް ބިންތައް ހާއްސަ ކުރާނެކަމަށް އެޗްޑީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު