ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދެ ދައުވާ ކޯޓުން ބޭރުކޮށްނުލުމުން އާޒިމާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލައިގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިޔާހަތަށް އާޒިމާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

އާޒިމާގެ ފަރާތުން ހައިކޯޓަށް މިހާރު މައްސަލަ ހުށަހަޅާފައިވާއިރު، ދަށު ކޯޓުގައި އާޒިމާގެ ފަރާތުން ވަކީލެއްގެ ގޮތުގައި ނިހާޔަތަށް ވަކާލާތު ނުކުރެވޭނޭކަމަށް ކްރިމިނަލް ކޯޓުން ވަނީ ކުރިން ނިންމާފައެވެ. އަދި އޭގެފަހުން އާޒިމާގެ ވަކީލަކަށް ހަމަޖެއްސެވި ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓާރ ޖެނެރަލް އައިޝަތު ފަޒުނާ އަހްމަދަށްވެސް އެ ފުރުޞަތު ނުދޭން ކްރިމިނަލް ކޯޓުން އޮތީ ނިންމާފައެވެ.

ދައުލަތުން މިކަމުގައި ފާހަގަކުރާ ނުކުތާއަކީ ދައުވާ ކުރި މައްސަލާގައި ބައިވެރިވި އިދާރާގެ މުވައްޒަފަކަށްވާނަމަ މަސްލަހަތު ފުށު އަރާނެތީ، އެ މައްސަލާގައި ދައުވާ ރައްދުވާ ބައެއްގެ ވަކީލަކަށް އައްޔަން ނުކުރެވޭނެ ނުކުތާއެވެ.

ނަމަވެސް އާޒިމާގެ ވަކީލު ނިހާޔަތު ވިދާޅުވީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލަކަށް އޭނާ ހުންނެވިއިރު އާޒިމާގެ މައްސަލައިގައި އެއްވެސް ސިފައެއްގައި ބައިވެރިނުވާ ކަމަށާއި އަދި ދައުލަތަށް ވެސް އޭނާގެ ބައިވެރިވުން އޮތް ގޮތެއް ބުނެދެވިފައި ނުވާކަމަށެވެ.

މިމައްސަލައިގައި ދެ ފަރާތުން ދެއްކެވި ވާހަކަތަކަށްފަހު ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމީ ނިހާޔަތު މިމައްސަލައިން ތަނާޒުލް ވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެހެންކަމުން އާޒިމާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފްގެ ޝަރީއަތުގައި އާޒިމާގެ ވަކީލެއްގެ ގޮތުގައި ނިހާޔަތަށް ފުރުޞަތު ދީގެން ޝަރީޢަތް ކުރިއަށްގެންދިއުމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.

ނިޔާހަތަށް ވަކާލާތު ނުކުރެވޭ ގޮތް ހެދުމުގެ އިތުރުން، މި މައްސަލަ ހައި ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ދައުލަތުން ދިޔައީ ކޯޓުގައި ބުނަމުންނެވެ.

މިއަދުގެ އަޑު އެހުން ނިންމާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މި މައްސަލަ ހައި ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ހުށަހެޅި އިޖުރާއީ ނުކުތާއާމެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު