އެންއެންޕީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް
އެންއެންޕީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް
ދިވެހިރާއްޖޭގެ ދަރަނި އަދާކުރުމަށް ސަރުކާރުން އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ކުރާތަން ނުފެންނަކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް، އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފު މިފަދައިން ވިދާޅުވީ، ދަރަނި އިތުރުވެ ލޯނަށް ބަރޯސާވާން ޖެހުމަކީ ރާއްޖޭގެ އިގުތިސާދަށް އޮތް ނުރައްކަލެއް ކަމަށް ވޯލްޑްބޭންކުން އިއްޔެ ބުނެފައި ވަނިކޮށެވެ. މިކަމާއި ގުޅިގެން ޝަރީފު މިއަދު ވިދާޅުވީ، އެއްގައުމުން ލޯނު ނަގައިގެން އެ ލޯނު އަނބުރާ ދެއްކުން ލަސްކޮށް، ޖެހިގެން އޮންނަ ގައުމުން ލޯނު ނަގައިގެން ދަރަންޏަށް އެ ފައިސާ ހޭދަ ކޮށްލުމަކީ ދަރަނި މެނޭޖު ކުރުން ނޫންކަމަށެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، ދަރަނި މެނޭޖު ކުރެވޭނީ ދަރަނި ދެއްކޭވަރަށް ދައުލަތުގެ އާމްދަނީ އިތުރުކޮށްގެން ކަމަށެވެ. ނަމަވެސް އެކަން ކުރާތަން ނުފެންނަ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.



ވޯލްޑް ބޭންކުން އިއްޔެ ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް" ގައިވާ ގޮތުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް އިއާދަވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރު ތެރޭގައެވެ.

މި އަހަރު ރާއްޖޭގެ އިގްތިސޯދު 7.6 ޕަސެންޓުގައި ކުރިއަރާނެ ކަމަށް އެ ބޭންކުން ލަފާކޮށްފައިވާއިރު އެ ރިޕޯޓްގައިވާ ގޮތުން އަންނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެއެވެ.

މީގެ އިތުރުން ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަސަރުކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، އެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގައި ތަކެތީގެ އަގު އުފުލެމުންދާއިރު ހަކަތައިގެ ބާވަތްތަކުގެ އަގު އަދިވެސް އުފުލޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ރާއްޖެއަށް އެކަމުގެ ސަބަބުން އަސަރު ކުރާނީ ރާއްޖޭގެ އިގްތިސާދު އިމްޕޯޓަށް ބަރޯސާވެފައި އޮތުމުން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ލޯނަށް ބަރޯސާވާން ޖެހުމަކީ ރާއްޖޭގެ އިގުތިސާދަށް ދިމާވެފައިވާ ވަރަށްބޮޑު ކަންބޮޑުވުމެއްކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު