މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް އަންދާޒާ ކުރިވަރަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މަދުކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ ރަޝިއާ އަދި ޔޫކްރެއިނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ދަށްވެފައިވާ ދަނޑިވަޅެއްގައެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް ވަނީ 20 އިންސައްތަ ދަށްވެފައެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިން ރާއްޖެއަށް މިހާރު އަންނަމުންދާ އަދަދުތަކަކީ 2019 ވަނަ އަހަރާއި އަޅާބަލާއިރު އިތުރު އަދަދެއްނަމަވެސް، އެއީ އުއްމީދު ކުރިވަރަށްވުރެ މަދު އަދަދުތަކެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން އުއްމީދުކުރީ މިއަހަރުގެ ފެބްރުއަރީ، މާރޗު އަދި ،އޭޕްރީލްގައި ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ހުރިހާ އެނދެއް ފުރާލުމަށްކަމަށެވެ. އަދި ފަތުރުވެރިންގެ އަދަދަށް ހަނގުރާމައިގެ ސަބަބުން އަސަރުކުރިނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓުވެގެންދާނެކަމަށް މިނިސްްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއަކީ ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. ނަމަވެސް ކުރިން ރަޝިޔާއަކީ 1 ވަނައިގައި އޮތް ގައުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަަނަށް ރާއްޖެއަށް 498235 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު 45.3 އިންސައްތަ އިތުރު އަދަދެކެވެ.



ކިޔުންތެރިންގެ ހިޔާލު