މާލެ ސިޓީގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނީ ކަރަންޓް ކެނޑިގެން ފޯމްތަކެއް ނުލިބިގެންކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެފައި މިވަނީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީއަށް ވާދަ ކުރެވޭގޮތް ނުވުމުން، ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ބަންދުވީ އިއްޔެ މެންދުރު 12 ޖެހިއިރުއެވެ.

އެމްޑީޕީއަށް ފާޑު ކިޔުން އަމާޒުވުމުން އެ ޕާޓީ ހިންގެވުމާއި ހަވާލުވެ ހުންނެވި، ޗެއަރޕާސަންގެ ނާއިބު އަލީ ނިޔާޒު ވިދާޅުވީ ބައި-އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ވަގުތަށް ހުށަނޭޅުނީ އިއްޔެ މާލެއިން ކަރަންޓް ދިޔުމުގެ ސަބަބުންކަމަށެވެ. އެގޮތުން ގަޑި ޖެހުމުގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހޯދަން ޖެހޭ ފޯމެއް މާލެއިން ކަރަންޓް ދިޔުމުގެ ސަބަބުން ގަޑިއަށް ނުލިބުނުކަމަށް މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އަލީ ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ ފޯމް ހުށަހެޅުން އެންމެފަހު ދުވަހަށް ލަސްވީ ޗެއަރޕާސަން އިންތިހާބުގެ ފޯރިގަދަވެ، އެކަމަށް އެންމެންގެ ސަމާލުކަން ދިނުމުން ކަމަށެވެ. އަދި ކަރަންޓް ކެނޑިގެން ފޯމް ހުށަހެޅުން ލަސްވާނެކަން ޑީޖޭއޭއިން އިލެކްޝަނަށް އެންގިކަމަށާއި، ނަމަވެސް އިލެކްޝަންސުން އެކަން ބަލައިނުގަތްކަމަށް ނިޔާ ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މި އިންތިހާބުގައި ވާދަކުރާނީ އިދިކޮޅު ޕީޕީއެމާއި އެމްއެންޕީގެ ކެންޑިޑޭޓެއް ކަމަށެވެ. އެ ދެ ޕާޓީން ވަނީ ސުންގަޑީގެ ކުރީން ފޯމް ހުށައަޅާފައެވެ. އެ ދެ ކެންޑިޑޭޓުންގެ މެދުގައި ގުރު ނެގުން އޮންނާނީ މާދަމާ މެންދުރުކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރި އައިމިނަތު އީމާން ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވުމުންނެވެ.

ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު


5

އިއްބެ

18-Apr-2022

މިހާރުތިޔައީ ނިޔާޒުވެސް ދައްކަންހަޑިވާހަކައެއް ޕާޓީގެމށައްކަތްކުރަންނުކެރޭމީހުންރަނގަޅުވާނީގެއަށްދިއުން


1

ކަރަންޓު

18-Apr-2022

ބުރީގަ ރޯވީމަ ކަންތައް ކުރަން ނަހަދާށެވެ. އެއީ ފަރުވަކުޑަވުމެވެ.