--
--
މާލޭގައި ބިދޭސީންތަކެއްގެ މެދުގައި މިރޭ ހިނގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މިރޭ މާލޭގެ ސޯސަންމަގުގައި ހިނގި މާރާމާރީގައި 37 އަހަރު ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްބުނެ އިތުރު ތަފުސީލު ފުލުހުން ދެއްވާފައެއް ނުވެއެވެ.

ފުލުހުން މިރޭގެ އިރާކޮޅު ބުނީ ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ ރިޕޯޓު މިރޭ 8:20 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މާރާމާރީގައި ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށާއި އެތަނުގައި ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގާފައި މިވަނީ، ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި ދެ ބިދޭސީއެއްގެ ދެމެދު ހިނގި ހަމަނުޖެހުމެއްގައި އެ ރެސްޓޯރެންޓްގެ ވެއިޓަރެއްގެ ގަޔަށް ވަޅިން ހަމަލާދީ މަރާލާފައިވަނިކޮށެވެ. ބަންގްލަދޭޝްގެ އެމީހާއަށް ހަމަލާދިނުމަށްފަހު އެ ރެސްޓޯރެންޓްގެ ކައްކާ ވަނީ ފިލާފައެވެ. އެހެންކަމުން މިރޭ ފުލުހުންވަނީ އެމީހާގެ ފޮޓޯ އާންމުކޮށް އޭނާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

މިއަދު ހިނގި އެ ހާދިސާއާއި ގުޅިގެން ބަންގްލަދޭޝްއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަން ކުރިމަތީގައި މުޒާހަރާ ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު