ހުޅުމާލޭގައި ބަންގުލަދޭޝް މީހަކު މަރާލި މައްސަލައިގައި ހައްޔަރުކުރި ޕާކިސްތާނު މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ހުޅުމާލޭގެ ޚާންޖީ ރެސްޓޯރެންޓްގައި އިއްޔެ ހަވީރު ވަޅިން ހަމަލާދީ އެތަނުގެ ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ބަންގުލަދޭޝް މީހާ މަރާލި މައްސަލައިގައި ރޭ ދަންވަރު ހައްޔަރުކޮށްފައިވަނީ އެ ރެސްޓޯރެންޓް ޝެފެއްގެ ގޮތުގައި މަސައްކަތްކުރާ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝް މީހާ މަރާލުމަށްފަހު ފިލައިގެން އުޅެނިކޮށް ހުޅުމާލޭ ފޭސް-2 ގެ ބީޗް ސަރަޙައްދުންނެވެ. ފުލުހުން ބުނީ އާބިދުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް މިރޭ ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އޭނާ އަކީ ވަރަށް ނުރައްކާތެރި މީހެއް ކަމަށެވެ. ޕާކިސްތާނުގެ މުހައްމަދު އާބިދު، ބަންގްލަދޭޝްގެ މީހާއަށް ވަޅިން ހަމަލާދީފައިވަނީ އެ ރެސްޓޯރެންޓްގެ ބަދިގެ ތެރޭގައި ހިނގި ޒުވާބެއްގެ ތެރެއިންނެެވެ. ބަންގްލަދޭޝް މީހާގެ މޫނާއި ކަރާއި ފަޔަށާއި ބަނޑަށް ވެސް ވަނީ ވަޅި ހަރާފައެެވެ.

ބަންގުލަދޭޝް މީހާއަށް ހަމަލާދީ މަރާލި މީހާ މީގެ ކުރިން ވެސް އޭނާ އަށް އެކި ފަހަރުމަތިން ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް އެ ރެސްޓޯރެންޓްގެ ބައެއް ބިދޭސީން ވަނީ ބުނެފައެވެ. އެމައްސަލައިގަައި ހައްޔަރުކޮށްފަައިވާ މުހައްމަދު އާބިދަކީ ވަރަށް ރުޅިގަދަ މީހެއް ކަމަށާއި، އޭނާ މީގެ ކުރިން އެ ރެސްޓޯރެންޓްގެ މުވައްޒަފުންނާއި މެދު ހިތްހަމަނުޖެހިގެން މާރާމާރީ ހިންގާ ކަމަށް އެތަނުގައި ބައެއް ބިދޭސީ މުވައްޒަފުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނިޒޭޝަން ޑިޕާޓްމެންޓުން މިހާރު ދަނީ ތަހުގީގު ކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު