އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ރިޕޯޓް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތް ކަމަށާއި އެ ރިޕޯޓް ހިއްސާކުރަންޖެހިދާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރަައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިންޒާރު ދެއްވައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ. އެމްޑީޕީގެ ވަޓްސް އަޕް ގުރޫޕްގައި އެސެޓް ރިކަވަރީ ކޮމިޝަން އުވާލި މައްސަލައިގައި އެމްޑީޕީގެ ފެކްޝަންތަކުގެ މެމްބަރުންގެ މެދުގައި ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަައެވެ.

އެގޮތުން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު، އެމްޑީޕީގެ ޗެއާޕާސަން ކަމަށް، ރައީސް ނަޝީދަށް ވަފާތެރި މެންބަރުންގެ ތާއީދު އޮތް އިމްތިޔާޒް ފަހުމީއާއެކު ނަގާފައިވާ ފޮޓޯއެއް އެ ގުރޫޕަށް ހިއްސާކޮށް ރައީސް ސާލިޙުގެ ފެކްޝަނަށް ތާއިދުކުރާ މެމްބަރަކު ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަން އުވާނުލިއްޔާ ދެރަ ކަމަށެވެ. އަދި އައްސަދުގެ އަމަލުތައް ހުރި ގޮތުން އޭނާއާ ހަވާލުކުރި މަސައްކަތް ކުރާނެ ގޮތް ވިސްނާލުމަށް އެ މެންބަރު ވަނީ އެދިވަޑައިގެންފައެވެ.

އެއަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ރިޕޯޓް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތް ކަމަށެވެ. އަދި އެ ރިޕޯޓް ހިއްސާ ކުރައްވަން ޖެހިވަޑައިގެންފާނެ ކަަމަށް ރަައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ހިޔާނާތްތައް ބެލުމަށް މި ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަން މިހާރު ވަނީ އުވާލާފައެެވެ. ކުރީ ސަރުކާރުގެ ހިޔާނާތްތައް ބެލުމަށް މި ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ކޮށްފައިވާ މަަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ރިޕޯޓެއް އާންމު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިހާތަނަށް ވެސް އެ ރިޕޯޓެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެއެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ކަމަށް ބުނާ އެ ޚިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓެއް މީގެކުރިން އާންމު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު