ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ސަސްޕެންޑްކޮށްފިއެވެ.

އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ސަސްޕެންޑް ކުރުމަށް ނިންމީ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ޖަމްޢިއްޔާއެއް އުފައްދައި އެ ޖަމްޢިއްޔާގައި ހަރަކާތްތެރިވެފައިވާކަން ސާބިތުވުމުން ކަމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ބުނެއެވެ.

މީގެއިތުރުން ތަފްރީޤް ކޮށްފައިވާ ކައިވެންޏެއް ރުޖޫޢަކޮށްދިނުމުގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ވަރަށް ބަލާފައި ނުވާކަމާއި އަދި ބަހައްޓަންޖެހޭ ފަރުވާތެރިކަން ބަހައްޓާފައި ނުވާކަން ފަނޑިޔާރު ޢަލީ އާދަމްގެ މައްޗަށް ސާބިތުވާކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ ޢަލީ އާދަމް އުފެއްދި ޖަމްޢިއްޔާއިން އިސްނަގައިގެން ހދ.ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގައި އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ޢަމަލީ ގޮތުން ބައިވެރިވެފައިވާތީ، އެ ހަރަކާތަކީ ސިޔާސީ ޙަރަކާތެއްގެ ގޮތުގައި އާންމުން ދެކުމުގެ ފުރުސަތު އޮތް ޙަރަކާތެއްކަމަށާއި، ޢަލީ އާދަމްގެ ފޭސްބުކް އެކައުންޓުން އެ ހަރަކާތް އިޝްތިހާރު ކުރުމަށް މަސައްކަތް ކޮށްފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.



އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ މި ޢަމަލުތަކަކީ، ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ ޢަމުލުތަކަކަށްވާތީ، ޖޭއެސްސީގެ ޤާނޫނުގެ ދަށުން، މުސާރައާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް ދެ ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް އެ ކޮމިޝަންގެ ބައްދަލުވުމުގައިި ވަނީ ނިންމާފައެވެ.

އަލީ އާދަމް ސަސްޕެންޑްކޮށްފައި ހުންނަ މުއްދަތުގައި ހދ. ޖުޑީޝަލް ދާއިރާ ހިންގުން ހަވާލުކޮށްފައިވަނީ ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އިސްމާޢީލްއާއެވެ.



ކިޔުންތެރިންގެ ހިޔާލު