މޫސުމީ ބަދަލުތަކުގެ ސަބަބުން ސަގާފީ ތަރިކައަށް ގެއްލުން ލިބެމުންދާކަމަށް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތަރިކައިގެ ދުވަހާއި ގުޅިގެން ފޮނުއްވި މެސެޖުގައި ޔުމްނާ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ސަޤާފީ އެކިއެކި ބިނާތަކާއި ސަރަޙައްދުތަކަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުންވަމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ވޭތުވެދިޔަ ޒަމާންތަކުގައި ދިވެހީންގެ މަސައްކަތްތެރިކަން ދައްކައިދޭ އާސާރީ ތަންތަނާއި ތަކެތި މި ޒަމާނާ ހަމައަށް ވާރުތަވެގެން އައިސްފައިވާކަމީ އަޅުގަނޑުމެން ޝުކުރުވެރިވާންޖެހޭ ކަމެއްކަމަށާއި، އަދި ދިވެހިރާއްޖޭގެ އެކި އަތޮޅުތަކަށާއި ރަށްތަކަށް ބަލާއިރު ދިވެހީންގެ ސަގާފީ ތަރިކައިގެ މުއްސަނދިކަމާއި ތަފާތުކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ސަގާފީ ތަރިކައަށް ގިނަގުނަ ގެއްލުންތަކެއް ލިބެމުންދާކަމަށާއި، އެގޮތުން ރާއްޖޭގެ އެކިއެކި ރަށްރަށާއި އަތޮޅުތުގައި ހުރި ހަވިއްތަތަކާއި މިސްކިތްތަކާއި އަދި އެހެނިހެން އާސާރީ ތަންތަންވެސް ނެތިދާނެކަމުގެ ބިރު އެބައޮތްކަމަށެވެ.



މިނިސްޓަރ ވިދާޅުވީ ތަރިކަ ޙިމާޔަތް ކުރުމުގައި އެންމެންގެވެސް ޤާނޫނީ ޒިންމާ އޮންނަކަމަށާއި ދިވެހިންގެ މުއްސަނދި މާޒީތަކުން އައިސްފައިވާ ސަގާފީ ތަރިކަތައް ކުރިމަގުގެ ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއްކަމަށެވެ.

މިނިސްޓަރ ވަނީ ކައުންސިލުތަކުންވެސް އިސްނަގައިގެން ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ޒިންމާ އަދާކުރައްވަމުން ގެންދެވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު ސަގާފީ ތަރިކައަށް ގެއްލުން ނުލިބޭގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި، މަޝްރޫޢުތަކުގައި ސަގާފީ ތަރިކަ ހިމަނައިގެން މަސައްކަތްތައް ރޭވުމަށް މިިނިސްޓަރ ގޮވާލެއްވިއެވެ.

މިނިސްޓަރގެ ހިތާބުގައި ވަނީ ސަގާފީ ތަރިކަ ދަފްތަރުކޮށް، ރައްކާތެރިކޮށް، އަދުގެ ޖީލަށާއި އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ސަގާފީ ތަރިކައަށް ހޭލުންތެރި ޖީލެއް ބިނާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމުގައި ހަދައި، އެންމެންގެ ބައިވެރިވުމާއެކީ ގުޅިގެން މިކަން ކުރުމަށް ގޮވާލައްވާފައެވެ.

މި އަހަރުގެ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ ޝިޢާރަކީ "ތަރިކައާއި މޫސުން" ނުވަތަ "ހެރިޓޭޖް އެންޑް ކްލައިމެޓް"އެވެ.



ކިޔުންތެރިންގެ ހިޔާލު