ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ޗައިނާގެ ސަފީރު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ޗައިނާގެ ސަފީރު
ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ވަން ލިޒިން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާއި އެއް ގައުމުން އަނެއް ގައުމަށް ދެމުން އަންނަ އެއްބާރުލުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އަދި މި އަހަރަކީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމު ކުރިތާ 50 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވައި ޗައިނާގެ ސަފީރު ވަނީ އެ މުނާސަބާ ފާހަގަކުރުމަށް ޕްލޭން ކުރެވިފައިހުރި އެކިއެކި ޕްރޮގްރާމުތައް ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން ކޯވިޑް-19ގެ ބަލިމަޑުކަމާ ހުރެ މުޅި ދުނިޔޭގައި އާންމު ދިރިއުޅުމަށް ބުރޫއަރައި ކުރިމަތިވި ދަތިތަކާގުޅޭގޮތުން ވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ވަނީ އެގައުމުގެ ފަތުރުވެރިން ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރު ކުރުމުގައި ކުރިމަތިވާ ބައެއް ދަތިތައް ފާހަގަ ކުރައްވާފައެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ތައުލީމީ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތައް ފާހަގަކުރައްވައި ސަފީރު ވަނީ ދިވެހި ސަރުކާރުން ކުރިޔަށްގެންދަވާ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމަށް ތައުރީފު ކުރައްވާފައެވެ.

މެޑަމް ފަޒްނާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ސަބަބުން މަތީ ތައުލީމު ހާސިލު ކުރުމަށް މާލީގޮތުން ދަތިތަކާ ކުރިމަތިވެފައި ތިބި ގިނަ އަދަދެއްގެ އަންހެން ކުދިންނަށް އެކަމުގެ ފަސޭހަކަން ލިބިގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު