ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށްފަހު އޮލިމްޕަސް އަލުން ހުޅުވަން ނިންމާފައިވާކަމަށް މިނިސްޓަރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޑް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޔުމްނާ މިހެން ވިދާޅުވީ އޮލިންޕަސް ތަރައްޤީކޮށް އަލުން ހުޅުވުން ލަސްވަމުންދާކަމަށް ޤަބޫލުކުރެވޭތީ ބައެއް ފަރާތްތަކުން ފާޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުންތަކާއި ގުޅިގެނެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފަންނާނުން ހިތްހަމަޖެހޭ ފަދަ ޒަމާނީ ފެންވަރަކަށް އޮލިންޕަސް ތަރައްޤީކުރުންކަމަށެެވެ. އަދި އެމަސައްކަތް ނިންމައި މި އަހަރުގެ ޖޫންމަހުގެ ފަހުކޮޅު ނުވަތަ ޖުލައިމަހުގެ ކުރީކޮޅު އޮލިމްޕަސް އަލުން ހުޅުވޭނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



މިނިސްޓަރ ވިދާޅުވީ ވޭތުވެދިޔަ ދަތި ދުވަސްތަކުގައި ފަންނާނުން ދެއްކެވި ކެތްތެރިކަމާއި، ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށެވެ. އަދި ދާއިރާގެ ކަންކަމާއި ގުޅިގެން މިހާރެކޭވެސް އެއްގޮތަށް ކުރިއަށް އޮތް ތާނގައިވެސް ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޮލިމްޕަސް އެންމެފަހުން ތަރައްޤީކޮށްފައިވަނީ ރައީސް ވަހީދުގެ ވެރިކަމުގައެވެ. އެފަހަރުވެސް އޮލިމްޕަހަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ނަމަވެސް މިފަހަރު ތަރައްޤީކުރުމުގައި ގެންގުޅޭ ޕްލޭނެއް ސަރުކާރުން ހާމައެއް ނުކުރައްވައެވެ.



ކިޔުންތެރިންގެ ހިޔާލު