ކޮވިޑުގެ ބަލި މަޑުކަމާއެކު އެހެން ގައުމުތަށް ފުނޑުނު ގޮތަށް ރާއްޖެ ނުފުނޑި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، އައްޑޫ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓުއަރިޒަމާ ބެހޭ ޤާނޫނު އިސްލާހުކޮށް މިހާރު ރިސޯޓުތަކުން ބިމު ކުލީގެ ގޮތުގައި ނަގަމުން އަންނަ ފައިސާގެ އަދަދު ކުޑަކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަަވަމުންނެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މަރަދޫ ދާއިރާ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެހެން ގައުމުތައް ފުނޑުނު ގޮތަށް ރާއްޖެ މުޅިން ނުފުޑި އޮތީ ރައީސް ސާލިޙުގެ ސަރުކާރުން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް ތަންފީޒު ކުރުމުގެ ސަބަބުން ކަމަށެވެ.

ޝަރީފް ވިދާޅުވީ 2020 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ އެންމެ 15 ބިލިއަން ރުފިޔާ ކަމަށާއި، އެހެން ނަމަވެސް 30 ބިލިއަންގެ ބަޖެޓެއް ހިންގަން ޖެހުނު ކަަމަށެވެ. އެޚަރަދުކުރީ ރައްޔިތުންގެ ބަނޑުފުރާނަ ސަލާމަތް ކުރުމާއި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަވައްޓެރި ބައެއް ގައުމުތައް އުޅުނީ ތެޔޮވެސް އެތެރެކުރެވޭނެ ގޮތް ނެތިގެން މަދަރުސާގެ ފޮތް ފަންސުރު ގަންނާނެ ލާރި ނެތިގެން." ޝަރީފް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ދުނިޔޭގެ އިޤުތިޞާދު އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށާއި ބަލިމަޑުކަމުގެ ތެރެއިން އަރައިނުގަނެވެނީސް ދުނިޔެ މިހާރު އޮތީ ހަނގުރާމައެއްގެ ހިޔަނީގެ ތެރޭގައި ކަމަށެވެ. އެކަމުގެ ސަބަބުން އިންފްލޭޝަން އުފުލި، ޤައުމުތައް ފަޤީރުވެ، ފަތުރުވެރިން އެމީހުންގެ ޤައުމުތަކުން އެހެން ތަންތަނަށް ދަތުރުކުރުން މަދުވެފައިވާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. އަދި އެކަންކަމަށް ވިސްނައިގެން ވިސްނުންތެރިކަމާއެކު ރާއްޖޭގެ ފަތުރުވެރިކަމަކީ އަތްފޯރާ ފަށުގައި އޮންނަ ފަތުރުވެރިކަމަކަށް ހަދަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަކީ މީހުންގެ އަތްފޯރާ ފަށުގައި އޮތް އިންޑަސްޓްރީއެއް ކަމުގައި ހަދައިގެން ނޫނީ އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ އަމާޒު ހާސިލުނުވާނެ،" ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫ ޝަރީފް ވަނީ ރިސޯޓުތަކުން ނަގާ ބިމު ކުލި ކުޑަކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ތާއިދު އޮތް ކަން ހާމަކުރައްވާފައެެވެ. އެގޮތުން ބިމުގެ ކުލީގެ ގޮތުގައި ނަގާ މިންވަރު ކުޑަކުރަންޖެހޭ ސަރަހައްދުތަކުން އެކަން ކުޑަކުރަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަކީ އެ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި އައްޑޫގެ ރިސޯޓުތަކުން 8 ޑޮލަރު ބިމު ކުލީގެ ގޮތުގައި ނެގުމަކީ ކުރިން ދިރާސާނުކުރެވި ކުރެވިފައި އޮތް ކަމެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.

"އައްޑުއަތޮޅު ރައްޔިތުންނަކީ ޒަމާނުއްސުރެ ޓޫރިޒަމް އިންޑަސްޓްރީ ނަގާ ކޮޅަށް ޖެހުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ބައެއް، އެމީހުން މިއަދު ތިބީ ބިންގަނޑަށް ތުން ހަރާލައިގެން ވަޒީފާ ނެތިފައި ޒުވާނުން. އެހެންކަމަށްވާއިރު ދިވެހި ރާއްޖޭގެ އިޖްތިމާއީ ހަމަޖެހުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގައުމުގެ ސަލާމަތަށްޓަކައި ވެސް ގާނޫނަށް ބަދަލު ގެނެސްގެން އައްޑުއަތޮޅު ފަދަ ތަންތަނުގައި ޓޫރިޒަމް ފުޅާކުރެވޭނެ ހޯދުމަކީ މުހިންމު ކަމެއް ކަމަށް ދެކެން." ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު