އަހުމަދު މަސްނޫމް   20 އޭޕްރީލު 2022 - 0:5
ބޭރު ޤައުމުތަކުގައި ތިއްބަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލުންގެ ސްކޮލަރޝިޕް ޕްރޮގްރާމް އިފްތިތާހުކުރުމުގައި މިނިސްޓަރ ޝާހިދު އަދާކުރެއްވި ދައުރަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޝުކުރު އަދާކުރައްވައިފިއެވެ.

ބޭރު ޤައުމުތަކުގައި ތިއްބަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލުންގެ ސްކޮލަރޝިޕް ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް މިއަދު ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.

ތައުލީމީ ޒުވާނުން ބިނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން، މިއަދު ފެށި މި ޕްރޮގްރާމްގައި 7 ޤައުމަކުން 44 ސްކޮލަރޝިޕް ފުރުސަތު ދިވެހި ދަރިވަރުންނަށް ލިބޭނެއެވެ. އެޤައުމުތަކަކީ އިންޑިއާ، ތައިލެންޑް، ޕާކިސްތާން، ތުރުކީވިލާތް، ލުބްނާން އަދި ޖަރުމަންވިލާތެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙާއި، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިސްނަންގަވައިގެން ފެއްޓެވި މި މަސައްކަތްޕުޅުގެ ސަބަބުން ޒުވާނުންނަށް ތައުލީމީ ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް އިތުރު ބާރެއް ލިބިގެން ހިނގައްޖެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ޝާޙިދުގެ ވާހަކަފުޅުގައި، މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން، ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕް ފުރުސަތުތައް ފޯރުކޮށްދެއްވިކަމަށްޓަކައި އޮނަރަރީ ކޮންސުލުންނަށް ޝުކުރު އަދާކުރައްވައި، އަންނަ އަހަރު އިތުރު އޮނަރަރީ ކޮންސުލުން މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢި ތަރައްޤީގައި އޮނަރަރީ ކޮންސުލުން އަދާކުރައްވާ ދައުރު ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މި ޕްރޮގްރާމްގެ ދަށުން އިއުލާންކުރެވޭ 44 ސްކޮލަރޝިޕް ފުރުސަތު ދެއްވީ ތައިލެންޑްގެ ބެންކޮކްގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް ސަނަން އަންގުބޮލްކުލް، އިންޑިއާގެ ބެންގަލޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް ޑރ ޖޯސެފް ވަޔަލިލް ޖޯޖް، ލުބްނާނުގެ ބެއިރޫތުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް މުހައްމަދު ހުސެން ފާކިޙް، ޕާކިސްތާނުގެ ކަރާޗީގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް ޒަފަރް އޭ. ތާޕާލް، ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް ހަލީލް އިބްރާހިމް ބަޖާޖީ، ޖަރުމަންވިލާތުގައި ހުންނަވާ އޮނަރަރީ ކޮންސުލް އެންޑްރިއަސް ޕީޓަރ ވިޓް، ޕާކިސްތާނުގެ ލާހޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް މުހައްމަދު ޔަވާރް އިރްފާން ޚާންއެވެ.



ކިޔުންތެރިންގެ ހިޔާލު