ރާއްޖެއަކީ އާންމު ހާލަތުގައި އޮތް ގައުމަކަށް ހަދައިގެން އިގްތިސާދުގެ ވާހަކަ ނުދެއްކޭނެ ކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ރަައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަައި ވާހަކަ ދައްކަވަމުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ، ކޮވިޑާއިއެކު ރާއްޖޭގެ އިގްތިސާދަށް ވަރަށް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި، ރާއްޖެ އޮތީ އާންމު ހާލަތެއްގައި ނޫން ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ގޮތުގެ ވާހަކަ ދައްކަންވާނީ ކޮވިޑާއި ގުޅިގެން ލިބުނު ގެއްލުންތަކުގެ ވާހަކަ ދެއްކުމަށްފަހު ކަމަށް ނިޔާޒް ވިދާޅުވިއެެވެ. ނިޔާޒް ވިދާޅުވީ ކޮވިޑާއި ގުޅިގެން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި 31 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށެވެ.

"އެހެންވީމަ އެ ވާހަކަ ވެސް ދެއްކުމަށްފަހު ދެން ދަައުލަތުގެ މާލިއްޔަތު ހިނގާ ގޮތާއި ކޮވިޑުން އަރައިގަތުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ވާހަކަ ދައްކަންވާނީ. ހަމައެކަނި އާންމު ހާލަތެއްގައި އޮންނަ ރަށެއްގެ އިގްތިސާދު ކުރިއަށް ދާގޮތުގެ ވާހަކައެއް ނޫން ދައްކަންވާނީ." ނިޔާޒް ވިދާޅުވިއެވެ.

ވޯލްޑް ބޭންކުން ނެރުނު ރާއްޖެއާބެހޭ ރިޕޯޓުގައި ބުނެފައިވަނީ ގޮންޖެހުންތަކާއި އެކު ވެސް ރާއްޖޭގެ އިގްތިސާދު ދުވެލި ހުރީ ހަލުވި މިނެއްގައި ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން ބާރަށް ކުރިއެރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އިއާދަވާ މިންވަރު މައްޗަށް ދާނެކަމަށާއި 2023 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އިގްތިސާދު ކޮވިޑުގެ ކުރިން ހުރި މިންވަރަށް ދާނެކަމަށް ލަފާކުރެވޭ ކަމަށް ވޯލްޑް ބޭންކުން ނެރުނު ރިޕޯޓްގައި ބުނެފައިވެއެވެ.

ވޯލްޑް ބޭންކުން ބުނީ މި އަހަރު ރާއްޖޭގެ އިގްތިސާދު 7.6 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އަންނަ އަހަަރު ރިއަލް ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ އަންދާޒާކޮށްފައެވެ. އެހެންނަމަވެސް ދައުލަތުގެ ދަރަނި މައްޗަށް ދާ ކަމަށް ބުނެ މާލީ ބުރައެއް އުފުލަންޖެހިދާނެތީ ވޯލްޑް ބޭންކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން ރަނގަޅު ސިޔާސަތުތައް ބޭނުންކޮށްގެން ރާއްޖޭގެ ދަރަނި މެނޭޖްކުރުމަށް ވޯލްޑު ބެންކުން ވަނީ ސަރުކާރަށް ލަފާ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު