ކެންދޫ ނަރުދަމާގެ މަސައްކަތް ކުރިޔަށް ދަނީ
ކެންދޫ ނަރުދަމާގެ މަސައްކަތް ކުރިޔަށް ދަނީ
ބ. ކެންދޫގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ފެނާއި ނަރުދަމާ ނިޒާމްގެ ނަރުދަމާއަށް ބޭނުންވާ ހޮޅި ވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ.

އެމް ޑަބްލިޔޫ އެސް ސީން ކުރިއަށް ގެންދާ ކެންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރެއިން ކެންދޫގައި 4.88 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމުކޮށް 250 ގޭބިސީއަކަށް ކަނެކްޝަން ގުޅައިދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ނަޖިސް ބޭރުކުރުމަށް ދެ ޕަންޕް ސްޓޭޝަން ގާއިމް ކުރުމާއި ސީއައުޓްފޯލް އެޅުމުގެ މަސައްކަތްވެސް އެރަށުގައި ކުރާނެއެވެ. އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ މެޝިންވެސް މިމަޝްރޫއުގެ ދަށުން އެރަށަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކެންދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި އާރުއޯ ބިލްޑިންގް އެއް ބިނާކޮށް 5.4 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 250 ގޭބިސީއަކަށް މި ހިދުމަތުގެ ކަނެކްޝަން ގުޅައިދީ ދުވާލަކު ފަސްދޮޅަސް ހަ އަކަ މީޓަރުގެ ފެން އުފެއްދޭވަރުގެ ދެ ޕްލާންޓް ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޕްލާންޓް ތަކުން ހަދާ ފެން ރައްކާކުރުމަށް ހަތަރުސަތޭކަ ސާޅީސް ހަ އަކަ މީޓަރުގެ ދެ ތާނގީއާއެކު ވާރޭފެން ރައްކާކުރުމަށް 450 އަކަ މީޓަރުގެ ތާނގީއެއް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. އަދި ވާރޭފެން ހިންދާ ނިޒާމެއްވެސް މި މަޝްރޫއުގެ ދަށުން އެރަށުގައި ގާއިމު ކުރާނެއެވެ. އަދި މިތަނުގައި ހަދާ ފެން ތަހުލީލް ކުރުމަށް ބޭނުންވާ ސާމާނުވެސް އެރަށަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް މި މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޑަބްލިއުއެސްސީން މައުލޫމާތު ދެއެވެ.

ބ .ކެންދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ނެޝަނަލް ޕްލޭނިންގް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ 56.24 މިލިއަން ރުފިޔާއަށެވެ. މިމަސައްކަތް ހަވާލުކުރީ 2020ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 15ވަނަ ދުވަހުއެވެ. 2022ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 05ވަނަ ދުވަހަށް މިމަސައްކަތް ނިންމަންޖެހޭއިރު މިމުއްދަތަށް މަސައްކަތް ނިންމާލެވޭނެކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު