ބިދޭސީން މަސްވެރިކަމުގައި ގެންގުޅުމަށް ކޯޓާއަށް އެދުން އިތުރުވަމުންދާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

މިނިސްްޓްރީން މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒް އިސްމާއީލެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގައިވާ ގޮތުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގައި ބިދޭސީން ގެންގުޅެވޭނެ ޢަދަދު ވަނީ ކަނޑައަޅާފައެވެ. އެގޮތުން މަސްދޯނިފަހަރުގައި ބިދޭސީ މަސައްކަތްތެރިން ލައްވާ މަސްވެރިކަމެއް ނުކުރެވޭއިރު ދޯނީގައި އެހީތެރިންގެ ގޮތުގައި ބިދޭސީން ގެންގުޅެވޭނެއެވެ.

ކޮމިޓީގައި ވާޙަކަދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ މަސްވެރިކަން ކުރާ ދިވެހިންގެ ޢަދަދު ދަށްވަމުންދާތަން ފެންނަމުންދާކަމަށާއި އެކަން އިކޮނޮމިކް މިނިސްޓްރީއަށް ބިދޭސީންގެ ކޯޓާ ހޯދުމަށް އަންނަ އޮޑިވެރިންގެ ޢަދަދުން ހާމަވާކަމަށެވެ. އަދި ޒަމާނީ މަސްދޯނިފަހަރު ތަޢާރަފްވަމުން އައިނަމަވެސް، މަހަށްދާނެ ދިވެހިން ނުވެގެން ބައެއް އޮޑިފަހަރު މަހަށް ނުފުރާކަމުގެ ޝަކުވާވެސް ލިބެމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 750 ދޯންޏަކަށް މަސްވެރިކަންކުރުމަށް ލައިސަންސް ދޫކޮށްފައިވާއިރު މަސްވެރިންގެ ގޮތުގައި 17000 އެއްހާ މަސްވެރިން ހަރަކާތްތެރިވެއެވެ.



ކިޔުންތެރިންގެ ހިޔާލު