ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން މިއަދު ތާއިދުކޮށްފިއެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާ އެވެ. މި ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިއްމާފައެވެ.

ދަށު ކޯޓުގެ އެ ނިންމުން އާޒިމާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މި މަރުހަލާގައި ދައުވާ ސާބިތުވާން ޖެހޭ މިންވަރަށް ހެކި ވަޒަން ކުރަން ނުޖެހޭތީ ދައުވާ ގެންދެވޭ ވަރަށް ހެކި އޮތް ނަމަ ގެންދެވޭނެ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ވެރިކަމުގައި ހުންނަވައިގެން މަނީލޯންޑަރ ކުރެއްވި ކަމުގެ ކުށް ދަށުކޯޓާއި ހައިކޯޓުގައި ސާބިތުވި ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އާޒިމާ ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ބުނާ މައްސަލައިގައެވެ. އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތް ކުރަށްވައި، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ. އާޒިމާގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު