ހުޅުމާލެއިން މާލެ މީހުންނަށް ގޯތި ދޫކުރާ ސަރަހައްދު ކަނޑައަޅައިފިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކާ މާލޭ ރައްޔިތުންނަށް ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއުލާންކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.

ހައުސިންގ މިނިސްޓްރީން ބުނީ މިއަހަރުގެ ޖޫންމަހު މި މަޝްރޫޢުތަކުގެ ދަށުން ގޯތިތަކަށް ކުރިމަތިލުމަށް ހުޅުވާލާނެކަމަށެވެ.

މިކަމާއި ގުޅޭގޮތުން އެޗްޑީސީން ބުނީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ 1000 ގޯތި ދިނުމަށް ކަނޑައެޅިފައިވާ ސަރަހައްދު ފައިނަލްކޮށްފައިވާ ކަމަށެވެ. އަދި ސަރަހައްދު ކަނޑައެޅުމަށްފަހު މިމަސް ނިމުމުގެ ކުރިން ޕްލޭނިން މިނިސްޓްރީއަށް ފޮނުވާނެކަމުގައި ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ބުނެއެވެ.

"1000 ގޯތި ނަގާނެތަން އަޅުގަނޑުމެން ވާނީ އައިޑެންޓިފައި ކޮށްފަ. ދެން އިތުރަށް ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން މިބަލަނީ މިމަސް ނިމުގެ ކުރިން ހައުސިން މިނިސްޓްރީއަށް ފޮނުވަންޖެހޭ މައުލޫމާތުތައް ފޮނުވަން" އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް ވިދާޅުވިއެވެ.

ހުޅުމާލެއިން 1000 ގޯތީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކާ މާލެއަތޮޅު ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރުމުގެ މަޝްރޫޢެއްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރަށްވާފައެވެ. މީގެއިތުރުން ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުގެ ދަށުން މާލޭގެ ރައްޔިތުންނަށް 5000 ހައުސިންގ ޔުނިޓު ހަމަޖެއްސުމަށް ނިންމަވާ، އިތުރު 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެއްޓެވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު