އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމުގައި މަޝްވަރާކުރެވުނީ އިލެކްޝަން ކޮމިޝަންގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމަށް ބޭރުގެ އެހީތެރިކަން ހޯދުމާއި، ޚާރިޖީ ދާއިރާއިން ވެދެވޭނެ އެހީތެރިކަމާއި ގުޅޭގޮތުންކަމަށް އިލެކްޝަންސްގެ އޮފިޝަލަކު ވިދާޅުވިއެވެ.



މިބައްދަލުވުމުގައި އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކަށް ފޯރުކޮށް ދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުންވެސް ޝާހިދު މަޝްވަރާކުރެއްވިއެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެކޮމިޝަނުގެ އޮފިޝަލުން ތަމްރީން ކުރުމަށާއި، އެނޫންވެސް އެކި އެހީތެރިކަން ފޯރުކޮށް ދިނުމާ ގުޅޭގޮތުން މިބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ބައްދަލުވުމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ބަހައްޓާ ވޯޓު ފޮށިތަކާ ގުޅޭގޮތުންނާއި، އެކި ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ވޯޓުލުމަށް ރަޖިސްޓްރީވުމަށާއި، ވޯޓުލުމަށް ފަސޭހަ އިންތިޒާމު ތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރެެވުނުކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު