ސްރީލަންކާގެ މުޒާހަރާތަކާ ގުޅިގެން ދިވެހިން ސަމާލުވާން ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އަންގައިފި އެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނީ ލަންކާގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް، ތަކެތީގެ އަގު އުފުލި ތަކެތި ލިބުމުގައި ހުރި ދަތިތަކާއި ގުޅިގެން، ލަންކާ ރައްޔިތުން ކުރަމުން އަންނަ މުޒާހަރާއާ އެއްވުންތައް ބާއްވާ ސަރަހައްދުތަކަށް ދިވެހިން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

"މިފަދަ އެއްވުންތަކުގައި ބައެއް ފަހަރު ހަމަނުޖެހުން ހިނގަން މެދުވެރިވެ، މީހުންނަށް ވެސް ދަނީ އަނިޔާވަމުންނެވެ. ވީމާ މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައި، ބޭރަށް ނުކުމެވަޑައިގަންނަވާއިރު ޕާސްޕޯޓު ހިއްޕަވައިގެން ނުކުމެވަޑައިގަތުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ،" ލަންކާ އެމްބަސީން ބުނެފައިވެއެވެ.

ދިވެހި އެމްބަސީން ވަނީ އެމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެމްބަސީގެ ހޮޓްލައިން ނަންބަރު 0768816666 އަށް ގުޅުމަށް އިލްތިމާސްކޮށްފައެވެ.

ލަންކާ މާލީ އަދި އިގުތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓި، ރައްޔިތުން ވަނީ ހާލުގައި ޖެހިފައެވެ. އެކަމާ ގުޅިގެން އެގައުމުގެ އެކި ސަރަހައްދުތަކުގައި ހުއްޓުމެއް ނެތި ދަނީ މުޒާހަރާ ކުރަމުންނެވެ. ލަންކާގެ ރަމްބުކަނާގައި އިއްޔެ ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާ ރޫޅާލަން އެގައުމުގެ ފުލުހުން ވަނީ ބަޑި ޖަހާފަ އެވެ. އެ ހާދިސާގައި ގިނަ ބަޔަކަށް އަނިޔާވެ އެކަކު މަރުވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.



ކިޔުންތެރިންގެ ހިޔާލު