އޭޑީސީގެ އާ ބޯޑުގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން
އޭޑީސީގެ އާ ބޯޑުގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން
އައްޑޫ ސިޓީގެ ތަރައްގީއާއި ކުރިއެރުމަށް އުފައްދާފައިވާ އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ)ގެ ރައީސަކަށް ކުރިން އެ ކޮމިޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަދި ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހްމަދު ޝަރީފް ހޮވައިފިއެވެ.

އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ)އަކީ އައްޑޫ ސިޓީގެ ތަރައްގީއާއި ކުރިއެރުމަށް ވަކާލަތުކުރުމަށް އުފައްދާފައިވާ އަމިއްލަ ޖަމުއިއްޔާއެކެވެ.

އޭޑީސީން ވަނީ އައު ދައުރަކަށް ބޯޑް މެންބަރުން އައްޔަންކޮށްފައެވެ.

އޭޑީސީގެ ޗެއަރޕަސަނަކަށް ޝަރީފް ހޮވާފައިވާއިރު، ނިމިގެންދިޔަ ދައުރުގައި އެ ބޯޓުގެ ވައިސް ޗެއަރޕަސަންގެ މަގާމުގައި ހުންނެވީ ޝަރީފެވެ. މީގެއިތުރުން ޝަރީފަކީ އައްޑޫގެ ތަރައްޤީއަށް އަޑު އުފުލުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިގޮތުން ތަފާތު އެކި ދާއިރާތަކުން އައްޑޫއަށް އިންވެސްޓްމަންޓްތައް ހޯދައި، މަޝްއޫރުތައް އަވަހަށް ފެއްޓުމަށް ޝަރީފް ގެންދަވަނީ އަޑުއުފުއްލަވަމުންނެވެ.

އޭޑީސީގެ ޗެއަރޕަސަނަކަށް ހޮވިވަޑައިގެންނެވި ޝަރީފަކީ ސިޔާސީ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން ޝަރީފް މިހާރުވެސް ގެންދަވަނީ އެމްއެންޕީގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު