ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ
ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ
ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ކެމެރާ ކުރިމަތީގައި ދަގަނޑުބުރިއަކުން ހަމަލާދިން މައްސަލައިގެ ހުކުމް ކުރުން މާދަމައަށް ތާވަލްކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައި ދަށުކޯޓުތައް ތަމްސީލް ކުރައްވާ އިސް މެޖިސްޓްރޭޓް ޢަލީ ޝަރީފް ބައްލަވާ މިމައްސަލައިގެ ހުކުމް ކުރުމަށް ތާވަލްކޮށްފައި ވަނީ މާދަމާ މެންދުރު 12.30 ގައެވެ. މިދިޔަ އާދީއްތަ ދުވަހާއި އަންގާރަ ދުވަހު ވެސް ވަނީ މި މައްސަލައިގެ ހުކުމް ކުރުމަށް ތާވަލްކޮށްފައެވެ. ނަމަވެސް ފަހުން އެ އަޑުއެހުންތައް ވަނީ ކެންސަލްކޮށްފައެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރުކަން ވެސް ކޮށްފައިވާ މަސްއޫދަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ލ. ފޮނަދޫ، ދިލްކުސާގޭ އަޙްމަދު ސަމީމް ސަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ވެސް ފޮނަދޫ ކޯޓުން ދެ ފަހަރަށް އޭނާ ދޫކޮށްލުމުން ހައިކޯޓުގެ އަމުރަށެވެ.

މިހާރު އަމިއްލަ ވިޔަފާރީގައި ހަރަކާތްތެރި ވަމުންދާ، މަސްއޫދަށް ހަމަލާދިން މީހާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ޤާނޫނު ނަންބަރު 17/2010، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) ދަށުންނެވެ. މި ކުށުގެ އަދަބަކީ 7 އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޕީޖީ އޮފީހުން އެމީހާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ އޯގަސްޓް ތިން ވަނަ ދުވަހުގެރޭ ލ. ފޮނަދޫ އަމީނީމަގުން މަސްއޫދު ސައިކަލްގައި ދުއްވާފައި ދަނިކޮށް، ހަމަލާދިން މީހާ އެހެން ސައިކަލެއްގައި އައިސް މަސްއޫދު ދުއްވަން އިން ސައިކަލާ ހަމަކޮށް ދަގަނޑު ބުރިއަކުން މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.

އާންމުވެފައިވާ ވީޑިޔޯއިން ފެންނަ ގޮތުން ކަޅުކުލައިގެ ޕީސީއެކްސް ސައިކަލެއްގައި އައި މީހަކު މަސްއޫދު ދުއްވަން އިން ސައިކަލާ އަރާއި ހަމަކޮށް ދަގަނޑުބުރިއަކުން ހަމަލާދީފައި ވަނީ ވަރަށް ބާރަށެވެ. މި މީހާއަކީ މަސްއޫދުގެ ކާރުގައި ރޯކޮށްލި މައްސަލާގައި ވެސް ފުލުހުން ތަހްގީގު ހިންގަމުންދާ ފަރާތެވެ.



ކިޔުންތެރިންގެ ހިޔާލު