ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި މާލޭގެ އިމާރާތްތަކުގައި ދަމާ އިންޑިޔާ އައުޓް ބެނާ ދެމުމަކީ ގާނޫނުލް އުގޫބާތާއި ޚިލާފު ކަމެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ޕީޕިއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ، އިންޑިޔާ އައުޓް ބެނާ ދެމުން ނުހުއްޓެވޭނެ ކަމަށެވެ. އެ ބެނާތައް ދަމާ ގޭގެ ދާނީ އިތުރުވަމުން ކަމަށާއި އެކަމަކީ ގާނޫނުލް އުގޫބާތާއި ޚިލާފު ކަމެއް ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ބެނާތައް ހަރުކުރާ ގޭގޭގެ ވެރީންނަށް ސަރުކާރުން ބިރު ދައްކަމުންދާ ކަމަށާ ބެނާތައް ނަގަން އިންޒާރު ދެމުންދާ ކަމަށެވެ.

"ހަމައެކަނި ބެނާއެއް ނޫން އެ ނޫން މިއަށްވުރެ މާ ބޮޑެތި ކަންތައްތައް އަދި ހިނގާނެ." އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އިންޑިޔާ އައުޓް ބެނާތައް ނެގުމަށް ގާނޫނުލް އުގޫބާތަށް ރިއާޔަތް ނުކުރެވޭނެ ކަމަށެވެ. އެކަމަކީ ގާނޫނުއުގޫބާތާއި ޚިލާފު ކަމެއް ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ އެކަމުން އެގެނީ ރައީސް ނަޝީދަށް ކަންކަން އެނގިވަޑައިނުގަންނަވާ މިންވަރު ކަމަށެވެ.

"އެއިން އަންގައިދޭ އެއްޗަކީ ރައީސް ނަޝީދަށް ރާއްޖޭގެ ޖުޑިޝަރީ ނިޒާމާއި ޝަރުއީ ނިޒާމްގެ ކަންކަން ހިނގަމުންދާ ގޮތާއި ގާނޫނުން ހުށައެޅޭ މައްސަލަތަކާއި ވަކާލާތު ކުރެވޭނެ ކަންކަމާއި އެއާއި ގުޅިގެން އަދަބު ދެވޭނެ ކަންތައްތައް ހަގީގަތުގައި ރައީސް ނަޝީދަށް އެނގިވަޑައިނުގަންނަވާކަން." ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެެވެ.

ފުލުހުންގެ އިދާރާ އިން މިއަދު ވަނީ ޕީޕީއެމް އޮފީސް ހިންގާ ހ. ހުރަފާ ބޭރުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ނަގަން އެގޭގެ ވެރިފަރާތަށް އަންގާފައެވެ. ފުލުހުން ހުރަފާގޭގެ ވެރިފަރާތަށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައިވަނީ އެ ގޭގެ ބޭރުގައި އާންމުކޮށް ފެންނާނެ ހެން "އިންޑިއާ އައުޓް" ބެނާއެއް ހަރުކޮށްފައި ބެހެއްޓުމަކީ ވަކި ގައުމަކަަށް ނިސްބަތްކޮށް އަދި އިންޑިއާގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމަށެވެ. އަދި އެއީ ބައިނަލްއަގްވާމީ ގުޅުންތަކާއި އަވައްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަަށް އެންގުމުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު